ހަނިމާދޫ އެއާޕޯޓާއެކު ތަރައްގީ ވެގެން އަންނަން ޖެހޭ ފަތުރުވެރިިކަމުގެ ދާއިރާއަށް ބެނުންވާ އެނދު ހަމަކުރަން 2.4 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު މިހާރު ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހއ. ކެލާއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ މިހާރުގެ ސަރުކާރުން ގެންނަ ޒިންމާދާރު ރިފޯމް ތަކާއެކު ދެން މި ގައުމު ކުރިމަގުގައި ދުއްވައި ގަންނާނީ ބާރު ސްޕީޑްގައި ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރާ މަޝްރޫއުއަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ 130 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ނަމުގައި އެކަން ކޮށްފައި އޮތްއިރު މިނިވަންކަން އަތުން ގެއްލޭވަރުގެ އެތައް ކަމެއް [ކުރީ ސަރުކާރުން] ކޮށްފައިވާ ކަމަށެވެ. އަދި 8000 ޓޫރިސްޓް އެނދު [ފަތުރުވެރިކަމުގެ ދާއިރާއަށް] ހަމައެކަނި އެ އެއާޕޯޓް ފީޒިބަލް ކުރުމަށްޓަކައިވެސް ބޭނުންވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ ވަރަށް އެނދު ބޭނުންވާއިރު އެއްވެސް ރިސޯޓެއް ހއ އަދި ހދ ގައި ނެތް ކަމަށާއި 8000 ޓޫރިސްޓް އެނދަކީ 4000 ޓޫރިސްޓް ކޮޓަރި ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ރިސޯޓް ތަރައްގީކުރާ ރޭޓަށް ބަލާއިރު 2.4 ބިލިއަން ޑޮލަރު ލިބިގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށާއި ޕްރައިވެޓް ސެކްޓަރަކަށްވެސް އެކަން ކުރެވެން ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ އެހެންނަމަވެސް މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވާ ބަދަލުތަކާއެކު ބޭރުގެ މާލީ އިދާރާތަކުން ފުރިހަމަ އިތުބާރާއެކު ޕްރައިވެޓް ސެކްޓަރު ތަރައްގީ ކުރުމަށް ފައިސާ ލިބެމުން ދާނެ ކަމަށާއި އޭގެ ނަފާވެރިކަން ތިލަދުންމައްޗަށާއި ކެލަޔަށް ވަރަށް ބާރު ސްޕީޑުގައި ލިބެމުން ދާނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓް މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރާ މަސައްކަތަކަށް ވާއިރު އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.