ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން މަސް ތެރޭގައި ސޮވެރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު މިހާރު ތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހއ. ކެލާއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ ސަރުކާރުގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާތީ އެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރު ހަވާލުވެވަޑައިގެންނެވިއިރު ފެނިވަޑައިގެންދިޔައީ ޕްރިންޓަރަކާ ކަރުދާހާ ކަމަށާއި ގޮތް ހުސްވުމުން 8 ބިލިއަން ކަރުދާސް ނޫތު ޗާޕުކޮށް، ފައިސާގެ އަގު ވައްޓާލާފައިވާ ކަމަށެވެ. އަދި ވައުދުވަނީ ބަޖެޓުގައި ފައިސާ ނެތިސް ކަމަށާއި ރައީސް މުއިއްޒު ފުރަތަމަ ވެރިކަމަށް ވަޑައިގެން ކުރެއްވި މަސައްކަތަކީ ޗާޕުކުރުން ނިމުމަކަށް ގެނެސްދެއްވުން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ 17 ނޮވެންބަރުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުގައިސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ބާކީ ހުރީ 2 މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާ ކަމަށާއި އެ ފަންޑަކީ ދިވެހި ރާއްޖެއިން ނަގާ ލޯނު އަނބުރާ ދެއްކުމަށްޓަކައި ގާއިމުވެފައި ހުރި ފަންޑެއް ކަމަށެވެ. އަދި އެ ފަންޑުގައި ހުރި ހުރިހާ ފައިސާއެއް މާރުކޮށް ހުސްކޮށްލާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް މުއިއްޒު ޗާޕު ކުރުން ނިމުމަކަށް ގެންނަވާ، ދުނިޔެ ގަބޫލުކުރާ ރިފޯމަށް އެމަނިކުފާނު އިސްކަންދެއްވި ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ 3 މަސް ދުވަހުގެ ތެރޭގައި 30 މިލިއަން ޑޮލަރު ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކޮށްފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ އެއީ ގައުމުދެކެ ލޯބިވާ ވެރިން ކަމަށާއި މިހާރު އެ ދާ ގޮތަށް ދާ ނަމަ މި އަހަރު ނިމޭއިރު 130 މިލިއަން ޑޮލަރު ދިވެހި ރައްޔިތުންގެ ފަހަށް ރައްކާކުރާ ފަންޑަށް ޖަމާވާނެ ކަމަށެވެ.