ހިނގަހިނގާ ހުރި މަޝްރޫއުތައް ނުނިމިގެން މި އުޅެނީ މި އަހަރުގެ ބަޖެޓުގައި އެފަދަ މަޝްރޫއުތަކަށް އެކަށީގެންވާ ވަރަށް ފައިސާ ނުހިމަނައި ހުރުމުން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އުފަން ރަށް ހއ. ވަށަފަރަށް ވަޑައިގެން ރައީސް ވިދާޅުވީ، އެ ރަށުގެ ތަރައްގީ އަށް ކުރަން ޖެހޭ ކަންކަން ބައިވަރު އެބަހުރި ކަމަށާއި، އިސްކަން ދޭން ޖެހޭ އެކި ކަންކަން އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރެއްވި ދުވަސްވަރު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި ކުރިއަށް އޮތް ތަނުގައި ވެވަޑައިގަންނަވާނެ ވައުދުފުޅުތައް ފުއްދަވައި ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.

ވަށަފަރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެ ރަށުގެ ބިން ހިއްކައި ބޮޑުކުރުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބަޖެޓުގެ ތެރެއިން އެ މަޝްރޫއު ފެށޭނެ ގޮތް ހަމަޖެހުނުހާ އަވަހަކަށް ފަށްޓަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވަށަފަރުގެ ބިން ހިއްކުމަށް ބަޖެޓުގައި ކޮންމެވެސް މިންވަރެއް ކަނޑައަޅާފައިވީ ނަމަވެސް، ބަޖެޓުގެ ތެރެއިން އެ މަޝްރޫއު ކުރީކޮޅު ފެށުމާއި ނުފެށުން ބިނާވެގެން ވަނީ ސަރުކާރަށް ލިބޭ އާމްދަނީގެ މައްޗަށެވެ.

"އެހެންވީމާ އިގްތިސޯދު މެނޭޖުކުރަމުން، ހަރަދުތައް ދެކޮޅު ޖައްސަމުން، ނޫނިއްޔާ އާމްދަނީ އިތުރުކޮށް ހަރަދު މަދުކޮށް މި ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކޮށްގެން މި ފަށަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވީމާ މި އަހަރުގެ ތެރޭ ވަށަފަރުގެ ބިން ހިއްކުމުގެ މަޝްރޫއު ފަށައި، ނުނިމި ހުރި މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސް އެ މަޝްރޫއުތައް މި އަހަރު ނިންމަވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނުނިމި ހުރި މަޝްރޫއުތައް ނިންމަން ކޮންމެ އަހަރަކު ވެސް ބަޖެޓުގައި ފައިސާ ހިމަނާ ކަމަށާއި، ނަމަވެސް މި އަހަރުގެ ބަޖެޓުގައި އެކަށީގެންވާ ވަރަށް ފައިސާ ނުހިމަނާ ކަމަށެވެ.

"އެހެންނަމަވެސް މި އަހަރު ބަޖެޓު ފާސްކޮށްދިންއިރުގަ އަޅުގަނޑުމެނެއް ނޫން ބަޖެޓު ހެދީކީވެސް ފާސްކުރީކީވެސް، ފާސްކޮށްދިންއިރުގަ މަޝްރޫއުތައް ނިންމުމަށް އެއްވެސް ވަރަކަށް އެކަށީގެންވާ ވަރަކަށް ބަޖެޓުގަ ފައިސާ އާއި އަދަދު ހިމަނާފަ ނެތީ، އެހެންވެ ގިނަ ހިނގަހިނގާ ހުންނަ މަޝްރޫއުތައް ނުނިމިގެން މި އުޅެނީ،"

ވަށަފަރުގެ ބިން ހިއްކުމުގެ އިތުރުން، އެ ރަށު ސްކޫލްގައި މަލްޓި ޕާޕަސް ހޯލެއް އިމާރާތްކުރައްވާނެ ކަމަށާއި، ކުނި މެނޭޖުކުރުމުގެ މަރުކަޒެއް އިމާރާތްކުރުމަށް ސަމާލުކަމެއް ދެއްވާނެ ކަމަށާއި، އެ ރަށު ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ގާއިމްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެއްވެސް ރަށެއް ތަފާތުނުކޮށް ހިދުމަތްކުރުމުގެ ސިޔާސަތުގެ ދަށުން، އާބާދީގެ ގޮތުން ކިތަންމެ ކުޑަ ނުވަތަ ބޮޑު ކަމަށް ވިޔަސް ހަމަހަމަކޮށް ހުރިހާ ރަށަކަށް ތަރައްގީ ގެނެސްދެެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ރައީސް ތަކުރާރުކުރެއްވިއެވެ.