މުޅި އަތޮޅަށް އޭގެން ފައިދާ ކުރާނެފަދަ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހއ. ދިއްދޫގައި ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ދިއްދޫއަށް ވަޑައިން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ދިއްދޫގެ ތަރައްގީއަށް ގިނަ ކަންތައްތަކަކަށް ކުރަންޖެހިފައި ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރެއިންވެސް އެންމެ މުހިންމީ އެ ރަށުގެ ސިއްހީ ނިޒާމު ރަނގަޅު ކުރުން ކަމަށެވެ. އެގޮތުން އެރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގެ އަދި އެ ހޮސްޕިޓަލަކުން މުޅި އަތޮޅަށް ވެސް އޭގެ ފައިދާ ކުރާނެފަދަ ވަރަށް ރަނގަޅު ހޮސްޕިޓަލެއް ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ގިނަ ހިދުމަތްތަކެއް ލިބޭ ފެންވަރު ރަނގަޅު އާ ހޮސްޕިޓަލެއް އަޅާދޭނަން" ރައީސް ވިދާޅުވިއެވެ.
އަދި އެކަމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި މިއަހަރުގެ ބަޖެޓުގެ ތެރޭގައި އެ މަޝްރޫއު ހިންގަން މާބޮޑު ޖާގައެއް ނެތް ނަމަވެސް ބޭރު ގައުމުތަކުގެ ފަންޑު ހޯދައިގެން އެ މަޝްރޫއު ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާރުވެސް އެރަށު ހޮސްޕިޓަލުގައި ސީޓީ ސްކޭން ފަދަ މުހިންމު ކަންކަން ނުކުރެވޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިހާރުން މިހާރަށް ރަނގަޅު ކުރެވެން ހުރި ކަންކަން ރަނގަޅު ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެރަށަށް އިތުރު އެމްބިއުލޭންސެއް ފޯރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެ ރަށުގައި އެއާޕޯޓެއް އަޅުއްވާދޭނެކަމުގެ ޔަގީންކަން ދެއްވާ ރައީސް ވިދާޅުވީ އެ މަޝްރޫއު ކުރިއަށްގެންދާނީ ރަށަށް ބޭނުންވާ އިތުރު ބިން ހިއްކުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ބިން ހިއްކުމާއެކު ރަށުގައި އެއާޕޯޓް އަޅުއްވާދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރަށްރަށުގައި އެއާޕޯޓު އެޅުމަށް ވައުދުވެވަޑައިގަންނަވާތީ އެކަމާ އިދިކޮޅު ފަރާތްތަކުން މަލާމާތް ކުރައްވާ ކަމަށާއި ނަމަވެސް އެއީ ކެމްޕެއިން ތެރޭގައި ރައްޔިތުން ހިތްހަމަޖައްސަން ދައްކަވާ ވާހަކަފުޅުތަކެއް ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެކަންކަން ހަގީގަތަކަށް ހައްދަވާ ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ގެދޮރުވެރިކަމަކީވެސް އެރަށަށް ދިމާވެފައިވާ މައްސަލައެއް ކަަމަށާއި އެގޮތުން ބިން އިތުރުކޮށްގެން އެރަަށަށް ހައުސިންގް ޕްރޮޖެކްޓެއް ކުރިއަށްގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ފުޓްބޯޅަ ކުޅޭ ދަނޑެއް އަޅާދިނުމަށްވެސް ވައުދުވެވަޑައިގެންފައިވާނެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަންކަން ހަނދުމަފުޅު ނުނެތޭ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރެވޭނެ މަގުފަހިކޮށް ހުރިހާ ވައުދުތަކެއް ފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.