ފަލަސްތީނުގެ ޒައިރޫން އަވަށުގައި ހުރި ގެދޮރުގައި ހުޅުޖަހާ ރޯކުރުމުމަށް ފަހު ސެލްފީ ނަގަމުން "ބާބަކިއު ހަދާލުމަކީ މަޖާކަމެއް" ކަމަށް ބުނެ އިޒްރޭލުގެ ސިފައިންގެ މީހަކު ޓިކްޓޮކް ކުޅެފިއެވެ.

އިޒާޑޯއ ެލްގަބްރީ ކިޔާ ސިފައިންގެ މީހަކު ހެމުން އެ މަންޒަރުތައް ވީޑިއޯ ކޮށްފައި ވާ އިރު, އެ ވީޑިއޯގައި އޭނާ އިތުރަށް ބުނެފައި ވަނީ, މާ ލަސްތަކެއް ނުވެ [އަހަރެއް ނުވަތަ ދޮޅު އަހަރު ތެރޭގައި] އެ ސަރަހައްދުގައި ދެން އޮންނާނީ އިޒްރޭލުގެ އާބާދީއެއް ކަމަށެވެ. އޭނާ އެހެން ބުނަމުން ކެމެރާ އަނބުރަމުން މުޅި ސަރަހައްދު ދައްކަމުން ދިޔައެވެ.

އިތުރަށް އޭނާ ބުނީ އެއީ "ސެވޯނީ ސެޓްލްމަންޓް" ކަމަށާއި އެކަމަށް ދެން މާ ގިނަ ދުވަހެއް ނެތް ކަމަށެވެ.

ޔަހޫދީން ފަލަސްތީނުގެ ބިންތައް ހިފަމުން އާބާދު ކުރަމުން ގެންދާ އިރު, އިޒްރޭލުގެ އާ ޕްލޭނަކީ ހުޅަނގު އައްސޭރީގައި 3,300 ގެދޮރު އިމާރާތް ކޮށް ބޮޑު އަވަށެއް ހެދުމެވެ. އެކަން ކުރާނެކަމަށް އިޒްރޭލުގެ މިނިސްޓަރު ބެޒާލެލް ސްމޯރިޒް އިއުލާން ކޮށްފައި ވާ އިރު, އެމެރިކާ އާއި އީޔޫއިން ވަނީ އެއީ ކަންބޮޑުވާ އިއުލާނެއް ކަމަށް ބުނެފައެވެ.

"އިތުރު އާބާދީތައް ހެދުމަކީ އިޒްރޭލާއި ފަލަސްތީނަށް ގެއްލުން ހުރި ކަމެއް އަދި އެއީ ނުރައްކާތެރިކަމެއް ވެސް މެ" އީޔޫގެ ޑިޕްލޮމޭޓް ޖޯސެޕް ބެރޮލް ވިދާޅުވިއެވެ.

ފަލަސްތީނުގެ ބިންތައް ހިފާ ފަލަސްތީނުގެ ރައްޔިތުންގެ ގޮދޮރު އަންދާ ހަދަމުން ގެންދާ އިރު އޮކްޓޯބަރު 7, 2023 ގެ ފަހުން އިޒްރޭލުން ވަނީ ފަލަސްތީނުގެ 3000 ގެ ހަލާކު ކޮށްލާފައެވެ. އެއީ ހުޅަނގު އައްސޭރީގައި އިޒްރޭލާއި ފަލަސްތީނު ހިއްސާ ކުރާ ސަރަހައްދުތަކުގައި ދިރިއުޅެމުން ގެންދާ ފަލަސްތީނު މީހުންގެ ގެދޮރެވެ. އެ ބިންތަކަކީ ފަލަސްތީނުގެ ބިންތައް ކަމަށް ވިޔަސް އެތަންތާނގައި ގަދަބާރުން ޔަހޫދީން ތިބީ ވަޒަންވެރިވެގެންނެވެ. އެ ސަރަހައްދު ތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އެކިއެކި ގޮތްގޮތުން ދުއްތުރާ ކުރަމުން ގެންދާ އިރު, ފަލަސްތީނުގެ ރައްޔިތުން ކާންބޯން ކުރާ އެއް މަސައްކަތް ކަމަށް ވާ ޒައިތޫނު ހޯދާ ދަނޑުތައްވެސް ޔަހޫދީ ސިފައިން ދަނީ ހަލާކު ކޮށް ހުޅުޖަހާ އަންދާ ގަސްތައް ކޮށަމުންނެވެ. އަދި ބަޑިހިފައިގެން ނުކުމެ ފަލަސްތީނުގެ މީހުން ޝަހީދު ކޮށްފައި ވާ އެތައް ހާދިސާއެއް ވެސް އެ ސަރަހައްދުތަކުގައި ހިނގަމުން ދެއެވެ.

އިޒްރޭލުން ގާޒާ ހިފާ އެތާގެ ކޮންޓްރޯލް އަތްދަށުލާން މަސައްކަތް ކުރަމުން ގެންދާ އިރު މިއަދު ވަނީ ގޮނޑުދޮށާ ކައިރި އަވަށެއް ކަމަށް ވާ ޝަޓީ ރެފިއުޖީ ކޭމްޕާއި ދެއިރް އަލް ބަލާ އއި ރަފާއަށް ބޮން އަޅާފައެވެ. މިހަމަލާތަކުގައި އެތައް ބަޔަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެފައި ވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން މިއަދު ހާން ޔޫނިސްގެ ދެ އަވަށަކަށް ވެސް ހަމަލާ ދީފައި ވެއެވެ.

އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ކުރިމަތީގައި ހަމާސް އަށް މިހާރު މާ ބޮޑު ކަމެއް ނުކުރެވުނު ނަމަވެސް އެ ޖަމާއަތުގެ ގަސަމް ބްރިގޭޑުން މިއަދު ވަނީ އިޒްރޭލުގެ ޓޭންކަރެއް ގޮއްވާލާފައެވެ. ގަސަމް ބްރިގޭޑުގެ ފަރާތުން އާންމުކޮށްފައި ވާ ބަޔާނެއްގައި ބުނެފައި ވަނީ, އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި ޒައިތޫން އަވަށުގައި އިޒްރޭލުގެ ފައުޖުތަކަށް ހަމަލާ ދީފައި ވާ ކަމަށާއި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ގިނަ ހަމަލާތަކެއް އުފެއްދުނު ކަމަށެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން, ސުލްހައިގެ ޕްލޭނަށް އިޒްރޭލުން އެއްބަސް ނުވި ނަމަވެސް ފްރާންސްގެ ޕެރިހުގައި ގަތަރާއި އިޒްރޭލު އަދި އެމެރިކާ ބައިވެރިވެ ކުރި މަޝްވަރާ ތަކާ އެއްގޮތަށް 6 ހަފްތާގެ މުއްދަތަށް ހަމަލާތައް ހުއްޓާލަން އިޒްރޭލުން ދަނީ ވިސްނަމުންނެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން އެ މުއްދަތުގައި ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުންގެ ތެރެއިން 40 މީހަކު މިނިވަން ކުރަން ޖެހެއެވެ. ބަދަލުގައި އިޒްރޭލުން ރަހީނު ކުރި ފަލަސްތީނުގެ މީހުންގެ ތެރެއިން ބަޔަކު ވެސް ދޫކޮށްލަން ޖެހެއެވެ.

މިވާހަކަތައް އިޒްރޭލުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވީނަމަވެސް ބައިނަލސްއަގުވާމީ އެއްވެސް ފަރާތަކުން އަދި މިވާހަކަ ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.