ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ހައިސިއްޔަތު ނުދޭނެ ކަމަށާއި މިހާރު ކުރިއަށް ދާ ހަނގުރާމަ ނިމުމަށް ފަހު ގާޒާ އޮންނާނީ އިޒްރޭލުގެ ބެލުމުގެ ދަށުގައި ކަމަށް ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފިއެވެ.
ހަނގުރާމައަށް ފަހު އަމަލުކުރާނެ ގޮތުގެ ޕްލޭން އޭނާގެ ހަނގުރާމައިގެ ކެބިނެޓަށް ހުށަހަޅަމުން ބުނެފައި ވަނީ، ހަނގުރާމަ އަށް ފަހު ގާޒާ އާއި މިސްރު ގުޅޭ ސަރަހައްދުވެސް ދެން ބަހަހައްޓާނީ އިޒްރޭލުގެ ފައުޖުތަކުން ކަމަށެވެ. މީގެ ކުރިން މިސްރާއި ގާޒާ ގުޅޭ އެއް ދޮރާށި ބެލެހެއްޓުމުގެ ކަންކަން ކުރަމުން އައީ މިސްރުންނެވެ.
މިހާތަނަށް 29 މީހަކު ޝަހީދު ކޮށްލައި އަދިވެސް ބޮން އަޅަމުން ގެންދާ އިރު، އިޒްރޭލުގެ އަމާޒު މިހާރު ހުރީ ރޯދަ މަހުގެ ކުރިން ރަފާގައި ތިބި މީހުން ބާލައި އެތަނަށް އަރައިގަތުމަށެވެ. އެހާ ހިސާބަށް ދާއިރު އެތަނުން ނުފައިބާ ތިބި ބަޔަކު ވިއްޔާ އިޒްރޭލުގެ އުދުވާނާ ކުރިމަތިލާންވެސް އިޒްރޭލުގެ އިސްވެރިން ދަނީ ގޮވާލަމުންނެވެ.
ގާޒާގެ އުތުރާއި މެދުތެރެ އެއްކޮށް ތަޅާ ސުންނާފަތި ކޮށް ހޯދިފައި ވަނީ ކާމިޔާބީއެއް ކަމަށް ބުނަމުން އިޒްރޭލުގެ މިނިސްޓަރުން ބުނެފައި ވަނީ، ޔަހޫދީން ކުރި ކަންތައް ކުރިއަށް އޮތް 80 އަހަރުވެސް މުސްލިމުން ހަދާން ކުރާނެ ކަމަށާއި ގާޒާއަށް ދެވިފައި ވާ ގެއްލުމާ މެދު ފަހުރުވެރިވާ ކަމަށެވެ.
އިޒްރޭލުގެ ސަލާމަތާ ބެހޭ ކެމިނެޓަށް (ހަނގުރާމައާ ބެހޭ ކެބިނެޓަށް) ނަތަންޔާހޫ ހުށަހެޅި ކަރުދާހުގައި ބުނެފައި ވަނީ، އުދުރުންގެ ހުޅަނގުން އޮންނަ ހުރިހާ ބިމަކާއި ހިފާފައި ވާ ހުޅަނގު އައްސޭރިއާއި ގާޒާގައި ދެން އޮންނާނީ އިޒްރޭލުގެ ބާރު ކަމަށެވެ. އެ ސަރަހައްދުތަކަކީ ޕަލަސްތީނުގެ މިނިވަން ދައުލަތް ހަދަން ފަލަސްތީން އޮތޯރިޓީ (ޕީއޭ) އިން މަސައްކަތް ކުރާ ސަރަހައްދު ކަމަށާއި އެކަން އެގޮތަށް ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އިޒްރޭލުގެ އެ ވާހަކަތަކާ ގުޅިގެން ޕީއޭއިން ބުނީ، އިޒްރޭލުން ކުރަން އުޅޭ ކަންކަން ކާމިޔާބު ނުވާނެ ކަމަށާއި އެ ސަރަހައްދުގައި (ފަލަސްތީނާއި އިޒްރޭލު) ސުލްހަ ގާއިމުވާން ދުނިޔެ ބޭނުން ނަމަ ފަލަސްތީނުގެ ބިންތައް ހިފުން އިޒްރޭލުން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ހަމަ އެހެންމެ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަންނަން ޖެހޭނެ ކަމަށާއި ޖަރޫސަލަމް އަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ވެސް ބަލައިގަންނަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އިތުރަށް ބުނެފައި ވަނީ، ގާޒާއަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ބައެއް ކަމަށާއި އެނޫން ގޮތަކަށް ކަންކަން ތަރުތީބު ކުރަން ކުރާ ހުރިހާ ކަމެއް ފެއިލްވާނެ ކަމަށް ވެސް ޕީއޭގެ ތަރުޖަމާން ނަބީލް އަބޫ ރުދައިނާ ވަނީ ވިދާޅުވެފައެވެ.
އިޒްރޭލުގެ ހުށަހެޅުމާ ގުޅިގެން ވައިޓްހައުސް އިން ވެސް ވަނީ ވާހަކަ ދައްކާފައެވެ. ވައިޓްހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ، އިޒްރޭލުގެ ހުށަހެޅުމަކީ އުނދަގޫ ހުށަހެޅުމެއް ކަމަށާއި ހަނގުރާމައަށް ފަހު އެތަން (ފަލަސްތީނާއި ގާޒާ) އޮންނަން ވާނެ ގޮތުގެ ސާފު މެސެޖު އިޒްރޭލަށް ދެމުން ގެންދާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ، "ފަލަސްތީނުގެ ރައްޔިތުންނަށް އަޑުއުފުލައި ވޯޓު ލުމުގެ ހައްގު ލިބެންޖެހޭ، އަދި ގާޒާގެ ސައިޒް ކުޑަވާކަށް ވެސް އެއްބަހެއް ނޫން، އަދި ގާޒާގެ ރައްޔިތުން ގަދަކަމުން ފަހާ ބޭރުކޮށްލާކަށް ވެސް ތާއީދެއް ނޫން، ހަމަ އެހެންމެ ހަމާސްގެ ކޮންޓްރޯލް ގާޒާގައި އޮންނާކަށް ވެސް ތާއީދެއް ނޫން" ކަމަށެވެ.
އިޒްރޭލަށް ދައުލަތެއް ހަދައިދިން ގޮތަށް ފަލަސްތީނުގެ ދައުލަތް ހަަދައިދިނުމަށް އެމެރިކާއިން އަޑުއުފުލައެވެ. ދުނިޔޭގެ އެހެން ބޮޑެތި ބާރުތައް ކަމަށް ވާ ޗައިނާ، ރަޝިއާ ފަދަ ގައުމުތަކުންވެސް ގޮވާލަނީ އެކަމަށެވެ. ނަމަވެސް 1948 ގައި އިޒްރޭލުގެ ދައުލަތް އުފަން ކުރީންސުރެ ފަލަސްތީނުގެ ދައުލަތް ހަދާވާހަކަ އެ ހުރިހާ ގައުމުތަކުން ދައްކަމުން އަންނަ އިރު މިއަދާ ހަމައަށް އދ ގެ ސަލާމަތީ މަޖިލީހުން އެކަމަށް ގޮތެއް ހޯދައިދީފައެއް ނުވެއެވެ. ފަލަސްތީނުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެ މައްސަލަ ވީޓޯ ކޮށް ބޭރު ކޮށްލަމުން އައީ އެމެރިކާއިންނެވެ.
ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ސަލާމަތީ މަޖިލީހުގައި މިހާރު ވޯޓަށް އަހާ ހުރިހާ ގަރާރެއްވެސް ވީޓޯ ކުރާ ގައުމަކީ އެމެރިކާއެވެ. އެއާއެކު ފަލަސްތީނަށް ހަމަލާ ދޭން އިޒްރޭލުން ބޭނުންވާ ހަތިޔާރާއި ޓެކްނޮލޮޖީ ފޯރުކޮށްދެމުން ގެންދާ މައި ގައުމަކީވެސް އެމެރިކާއެވެ.
ކަލޭ ދުނިޔެ ޤިޔާމަތަށް ފަލަސްތީނުގެ ރައްޔަތުން ރޮލާކާން ހުރެވޭތަ މިނުލަފާ ޖައްބާރު ކާފަރު ކަލޭގެ ނިމުން ހިތުގޮތަކަށް ގެންދަވާދޭ! ޢާމީން
މިކަލޭގެ އަވަހަށް މި ދުނިޔެއިން ގެންނަވާދޭވެ.