ވިލިމާލެ ކައިރިން ކަނޑުމަތީގައި ރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ރޭ 7:48 ހާއިރު ހިނގި އެ ހާދިސާގައި 13 މީހަކަށް އަނިޔާވެ ވިލިމާލެ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. ނަމަވެސް އޭގެ ތެރެއިން 7 މީހަކު އިތުރު ފަރުވާ އަށް އައިޖީއެމްއެޗަށް ބަދަލު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހޮސްޕިޓަލަށް ގެނައި 7 މީހުންގެ ތެރެއިން މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 3 މީހުންނަށް ކަމަށެވެ.

އޭގެ ތެރެއިން އެކަކަށް ވޯޑުގައި ފަރުވާ ދެމުންދިޔަ ނަމަވެސް އަނެއް 2 މީހުންގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި އެ ދެ މީހުންނަކީވެސް ބިދޭސީން ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދިނެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލެއް އެ ހޮސްޕިޓަލުން ހާމަކޮށްފައި ނުވެއެވެ.

އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ އެފްކޯންސް ކުންފުންޏަށް ނިސްބަތްވާ 10 މީހަކާއި އަނަންތަރާ ރިސޯޓުގެ 'އަނަންތަރާ-3' ލޯންޗުން ދަތުރުކުރި ތިން މީހަކު ހިމެނޭ ކަމަށް، ރޭ ފުލުހުން ބުނެފައި ވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފު ނުވާއިރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.