ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ފައިސަލްގެ ޕާޓީ މެންބާޝިޕް ފޯމްއާ ހަވާލުވެވަޑައިގެންނެވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ފައިސަލްއަކީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެެރޭގައި ވަރަށް ގިނަ ތެދުވެރި މަސައްކަތްތަކެއް ރައްޔިތުންނަށްޓަކައި ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތުމާއެކު ޕާޓީއަށް އިތުރު ހިތްވަރަކާ ޖޯޝެއް ލިބިގެންދާނެ ކަމަށެވެ.

ފައިސަލްއަކީ އަމަލީ ގޮތުން މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީއިން ބޭނުންވާ އިސްލާހު، މި ސަރުކާރު ހަމަ މަގުން ނެއްޓިގެންދާއިރު ސަރުކާރު ހަމަ މަގަށް އެޅުވުމަށް ފައިސަލްގެ މަސައްކަތް މުހިންމުކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީ އުފެދުނު ދުވަސްވަަރުން ފެށިގެން އެމްޑީޕީގައިވެސް އުޅުއްވާފައިވާ ފައިސަލް ޖޭޕީއާ ގުޅިވަޑައިގެންފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ފައިސަލް ހުންނެވީ ޖޭޕީގައެވެ.

ފައިސަލް ޖޭޕީއިން ވަކިވެވަޑައިގެންފައި ވަނީ އެމަނިކުފާނު ޖޭޕީގައި މަސައްކަތް ކުރައްވާތާ 16 ވަނަ އަހަރުއެވެ. ނިމިދިޔަ ދައުރުގެ ނައިބު ރައީސްގެ މަގާމުވެސް ފައިސަލް ފުރުއްވާފައި ވަނީ ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ޖޭޕީއަށް ލިބުނު ސްލޮޓެއްގައެވެ.