ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓަކާއި އެ ސަރަހައްދުގައި 17 ރިސޯޓު ތަރައްގީ ކުރަން ޔޫއޭއީގައި ބްރިޖް ހަލީފާ ހެދި ބެލްޖިއަމް ކުންފުންޏާ ހަވާލުކޮށްފިއެވެ.

އެ އެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައެވެ.

އެ އެއާޕޯޓު ހެެދުމުގެ އެމްއޯޔޫގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ކޮންޓްރެކްޓަރުގެ އެންވީބީސިކްސް ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު މރ.ސާވް ޑޮލްމަންސްއެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޕްރިސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޓެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ ވިލިނގިލީގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް މުއިއްޒު ގެ ހުވަފެންފުޅެއް ކަމަށާއި މި މަޝްރޫއާއެކު އެ އަތޮޅުގެ މުޅި އިކޮނޮމީ ބަދަލުކޮށްލާނެ ކަމަށެވެ.

ޖަނާހް ވިދާޅުވީ އެ މަޝްރޫއު އަވަހަށް ނިންމާލެވޭނެ ވަރުގެ ބަޔަކު ހޯދަވަން ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.

ޖަނާހް ވިދާޅުވީ ރައީސް ވިދާޅުވިކަންކަން ކުރަން ނިކުންނަނީ އެކަން ކުރެވޭނެ ވަރުގެ މީހުން ދުނިޔޭގެ ތެރެއިން ހޯދައިގެން ކަމަށާއި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ އެކި އެކި ފަރާތްތަކާ އޭނާއަކީ ރަހުމަތްތެރި ބޭފުޅެއް ކަމަށެވެ.

ޖަނާހު ވިދާޅުވީ މިއަދު އެމްއޯޔޫގައި ސޮއިކުރެވުނު ކުންފުންޏަކީ ބެލްޖިއަމްގެ ކުންފުންޏެއް ކަމަށާއި އެއީ ދުނިޔޭގެ 44 ވަނަ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމަށެވެ. އަދި މިދިޔަ އަހަރު އެ ކުންފުނީގެ ޓާންއޯވާއަކީ 3.6 ބިލިއަން ޑޮލަރު ކަމަށް ވެސް ޖަނާހް ވިދާޅުވިއެވެ.

ޖަނާހް ވިދާޅުވީ އެ ކުންފުންޏަކީ ބްރިޖް ހަލީފާ އެޅި ކުންފުނި ކަމަށާއި ބްރިޖް ހަލީފާގެ ތަޖުރިބާއާއެކީގައި ވިލިނގިލީގެ އެކަފަރުގައި ފަތުރާލެވޭ ރީތި ރަށްތަކާއި އެއާޕޯޓަކީ ހަމަ ބްރިޖް ހަލީފާ ފަދަ މަޝްހޫރު ވެގެން ދާނެ ކަމަށެވެ.

"ބްރިޖް ހަލީފާ އެޅި ކޮންޓްރެޓަކު މިހާރު އެހުރީ ވިލިނގިލި އެއާޕޯޓާއި ޓުއަރިޒަމް ހަބް ޑިވަލޮޕްކޮށްދޭން އަޅުގަނޑުމެންނާ ބައިވެރިވެގެން"
ޖަނާހް

ވިލިނގިލީގައި އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރަނީ 2600 މީޓަރުގެ ރަންވޭއަކާއެކު ކަމަށްވާއިރު އެ އެއާޕޯޓާއި ޓޫރިޒަމް ހަބް ތަރައްގީކުރާ މުޅި މަޝްރޫއަކީ 500 މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނީ ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓަކާއެކު ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އެންވީ ބެސިކްސް އެސްއޭ އާ ދެމެދު މިއަދު ސޮއިކުރެވުނު ފަހުމުނާމާއަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް އިކޮނޮމިކް ކައުންސިލްއިން ފާސްކޮށްގެން ސޮއިކުރެވިފައިވާ ފަހުމުނާމާއެއް ކަމަށެވެ.

އެ މަޝްރޫއުގައި ހިމެނުމަށް އެންވީ ބެސިކްސް އެސްއޭއިން ހުށަހަޅާފައިވަނީ 2.2 ކިލޯމީޓަރުގެ ރަންވޭއަކާއި ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހާ ވަސީލަތްތައް ތަރައްގީކުރެވޭނެ ކަމަށާއި މަތީ ފަންތީގެ ރިސޯޓްތަކާއި ހޮޓެލްތަކާއި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ އެ މަޝްރޫއުގެ ކޮންޓްރެޓުގައި ސޮއިކުރެވޭނީ ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތުގެ ފަންނީ އަދި މާލީ ގާބިލިއްޔަތު ކަށަވަރުކުރުމަށްފަހު ބަލަން ޖެހޭ އެންމެހާ ކަންތައްތައް ބަލައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.