މާލޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރޭގައި ހަޑިހުތުރު ވައްތަރުތަކެއް ޖެއްސި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި އެ މީހާ ދެނެގަތުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މީހާ އެ އަމަލުތަކަކީ އެ ޕިކަޕްގެ ފަހަތުން ދާ ސައިކަލުތަކުގައި ތިބި މީހުންނަށް ދެއްކުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައިވެސް ދޭހަވެއެވެ. އެގޮތުން އެ ޕިކަޕުގެ ފަހަތުން ދިޔަ ސައިކަލެއްގައި އަންހެނަކު އިން އިރު އެކަމާ ގުޅިގެން އާންމުންވެސް ވަނީ އެ އަމަލަކީ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ގޮތުން ހިންގި އަމަލެއްކަން ދޭހަވާ ކަމަށް ބުނެފައެވެ.

އެ މީހާ ހަޑިހުތުރު ވައްތަރުތައް ޖެއްސިއިރު އެ ޕިކަޕުގައި އިތުރު ފިރިހެނަކު ހުރި ނަމަވެސް އެ މީހާގެ އެ އަމަލު ހުއްޓުވަން އެއްވެސް ކަމެއް ކުރާތަނެއް ނުފެނެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ގުޅާ ހިއްސާކުރަން އެދޭ ކަމަށެވެ.

ފުލުހުން އެ މީހާ ހޯދަން އިއުލާން ކޮށްފައި ވާއިރު އެ މީހާ ހުރި ޕިކަޕުގެ ނަންބަރު އެ ވީޑިއޯއިން ސާފުކޮށް ފެނެއެވެ.