މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ކޮލީން ހޫވާ (ކޯހޯ) ގެ އެންމެ މަގްބޫލް ވާހަކަ ފޮތް "އިޓް އެންޑްސް ވިތް އަސް" އަށް ބިނާކޮށް އުފައްދާ ފިލްމު ރިލީޒްކުރުން ފަސްކޮށްފިއެވެ.
ކުރިން މި މަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމު އަންނަ ޖޫން މަހަށް ފަސްކޮށްފައިވަނީ ފިލްމުގެ ބައެއް މަސައްކަތްތައް ނުނިމުމުގެ ސަބަބުންނެވެ. މިހާރު އޮތްގޮތުން ފިލްމު އަޅުވަން ތާވަލްކޮށްފައިވަނީ އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. ކޯހޯގެ ވާހަކަ ފޮތްތަކަށް ލޯބިކުރާ ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރުކުރަމުން އަންނައިރު ފިލްމުގައި ލިލީ ކެރެކްޓާ ގެ ރޯލު ބްލޭކް ލައިވްލީ ކުޅޭއިރު ރައިލް ގެ ރޯލު ކުޅެނީ ޖަސްޓިން ބަލްޑޯނީއެވެ. މި ފިލްމަކީ ބަލްޑޯނީގެ ޑައިރެކްޝަނުގެ ދަށުން އުފައްދާ ފިލްމެކެވެ. އަދި އެޓްލަސްގެ ރޯލުން ފެނިގެންދަނީ ބްރެންޑަން ސްކެލަނާއެވެ. އަދި ކުޑައިރުގެ އެޓްލަސް ރޯލު ކުޅެނީ އެލެކްސް އެވެ. ރައިލް އަކީ ނިއުރޯސާޖަން އެކެވެ. އަދ އެޓްލަސް އަކީ ޝެފެކެވެ.
ކޮލީން ގެ "އިޓް އެންޑްސް ވިތް އަސް" އަކީ އޭނާ ލިޔުނު ފޮތްތަކުގެ ތެރެއިން ވެސް އެންމެ މަގްބޫލު އެއް ފޮތެވެ. 20 މިލިއަނަށް ވުރެ ގިނަ ފޮތް ވިކުނު އިރު އެ ފޮތް ވެފައިވަނީ މިދިޔަ އަހަރު އެންމެ ވިކުނު ވާހަކައަށެވެ.
މި ވާހަކަ އަކީ އަސަރުން ފުރިގެންދާ ވާަހަކައެކެވެ. ކުޑަ އިރުންސުރެ ދިރިއުޅުމުގެ އެތައް ކަންތައްތަކަކާއި ކުރިމަތި ލަމުންދާ ލިލީގެ ކެރެކްޓާ ވަރަށް ފުންކޮށް މި ވާހަކައިގައި ކިޔާދީފައި ވެއެވެ. ޖިސްމާނީ ހާނިއްކަ އާއި ކައިވެނީގައި ދިމާވާ މައްސަލަތަކާއި ޓްރޯމާގެ ބައި ވާހަކައިން ވަރަށް ފުރިހަމަ އަށް ކިޔައިދީފައި ވެއެވެ. މި ވާހަކަ އިން ކިޔައިދެނީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުޑަ އަވަށަކުން ބޮސްޓަން އަށް ބަދަލުވި ލިލީ ގެ ވާހަކަ އެވެ. ބޮސްޓަން އަށް ބަދަލުވުމާއެކު ލިލީ އަށް ރައިލް އާއި ދިމާވެއެވެ. އަދި ރައިލް އާއި ލިލީ ދިމާވެ ލޯބިވެ ގުޅޭ ހިސާބުން ލިލީ ގެ ކުރީގެ ލޯބިވެރިޔާ އެޓްލަސް އާދެއެވެ. އެޓްލަސް އައުމާއެކު ލިލީގެ ހަޔާތުގެ ބައިވެރިޔާ އަކަށް ހަދާނީ ކާކުކަން ހުދު ލިލީ އަށް ވެސް ނޭނގެއެވެ. މި ވާހަކައިގެ ދެވަނަ ބައި "އިޓް ސްޓާޓްސް ވިތް އަސް" ވެސް ވަނީ 2022 ވަނަ އަހަރު ނެރެފައެވެ.