މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލެއް ސްޓެލްކޯ ކައިރި ބަސް ސްޓޮޕްގައި އޮތް އެމްޓީސީ ބަހެއްގެ ފަހަތުގައި ސައިކަލުން ޖެހި މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭނާގެ އަތުގައި ލައިސެންސެއް ނެތް ކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނީ މި ހާދިސާގައި ބަސްގެ އިތުރުން ކާރަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިން މީހާގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ. މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓް ހިނގާ އަދަދު އިތުރުވެފައި ވާއިރު، ހުސްވި އަހަރުވެސް މިފަދަ ހިތާމަވެރި ހާދިސާތަކުގައި ވަނީ މީހުންގެ ފުރާނަ ގެއްލިފައެވެ.