ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ކަންކަން ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލު އެއްގޮތް ކުރުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފަށައިފިއެވެ.

އެ ބޯޑުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިނޭންޝިއަލް ޕޮލިސީތައް ރިވިއު ކުރިއިރު ފައިނޭންޝަލް ޕޮސިލީ އާއި ޕްރޮސީޖާތައް ރަނގަޅަށް ހެދިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި ހަރަދުތައް ކުރުމުގައި އަމަލުކުރަން ޖެހޭ މުހިންމު ބައިތައް ބައެއް ކުންފުނިތަކުގައި ނެތް ކަމަށެވެ.

އެހެންކަމުން އެ މައްސަލަތައް ހައްލު ކުރުމަށް ކުންފުނިތަކުން އަމަލުކުރާ މާލީ އުސޫލާއި ޕްރޮސީޖާތައް އެއްގޮތް ކުރުމަށް އާ އުސޫލެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ. "ފައިނޭންޝިއަލް ޕޮލިސީއާއި ޕްރޮސީޖާތައް ސްޓޭންޑަޑައިޒް ކުރުމަށް ކުންފުނިތަކުގެ ފައިނޭންޝަލް ޑިޕާޓްމެންޓްތަކުގެ އިސްވެރިންނާ އެކު މަސައްކަތް ކުރާނަން" އެ ސާކިއުލާގައި ބުނެފައި ވެއެވެ.

މީގެ އިތުރުންވެސް ފައިނޭންޝަލް މައުލޫމާތު ރިޕޯޓުކުރުމުގައި ހާމަކަން ބޮޑު ކަމާއި އިތުބާރު އުފެއްދުމަށްޓަކައި ކޮންމެ ކުންފުންޏެއްގައި ވެސް ސްޓޭންޑާޑް އެކައުންޓިން ޕޮލިސީތަކާއި ޕްރޮސީޖާތައް ހަދައި ކުންފުނިތަކުގެ ބޯޑުން އެންޑޯޒްކޮށްފައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ޕީސީބީން ބުނެއެވެ.

އަދި ހަމައެހެންމެ އަދި ފައިނޭންޝަލް މުއާމަލާތްތައް ރެކޯޑު ކުރުމާއި ރިޕޯޓުކުރުމާއި އަގު ކުރުމާއި މާލީ ބަޔާންތަކާ އެކު ހާމަކުރަން ޖެހޭ މައުލޫމާތުތަކުގެ ގައިޑްލައިން ހިމެނޭ ގޮތަށް ޕޮލިސީތައް ހެދިފައި ހުންނަން ޖެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އަދި މިފަދަ ޕޮލިސީތަކުގެ ސަބަބުން ކުންފުނިތަކުގެ މެދުގައި ފައިނޭންޝިއަލް މުއާމަލާތް ރިޕޯޓު ކުރުމުގެ އެއްގޮތް ކަމުގެ އިތުރުން އަޅާކިޔަން ފަސޭހަވެ ހާމަކަން ބޮޑުވެ ކަށަވަރުވާނެ ކަމަށް ޕީސީބީން ވަނީ ބުނެފައެވެ.