ކާރެއް ކޮންޓްރޯލްނުވެ ގޮސް ސިނަމާލެ ބްރިޖް ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމަށް ޖަހާފައި ހުރި ހޮޅިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ މިދިލިމަގުން ދުއްވާފައި ދިޔަ ކާރެއް ސޯލާ ޕެނަލްތައް ހަރު ކުރުމަށް ޖަހާފައި ހުންނަ ހޮޅިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ކާރު ދުއްވި ޑްރައިވަރަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ސޯލާ ޕެނަލް ހަރުކުރުމަށް ޖަހާފައިވާ ހޮޅިތަކުގައި ކާރެއް ޖެހި، މި މަހުގެ 2 ވަނަ ދުވަހު ވެސް ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާ ނުވި ނަމަވެސް ކާރަށާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު އޮންނަ ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެ ތަނުން ނަގައި އެހެން ތަނަކަށް ބަދަލުކުރައްވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ. އެކަމަށް 170 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީއިން ބުނެއެވެ.