ފުވައްމުލައް ސިޓީގެ 50 މަގެއްގައި ތާރުއަޅާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައި ދެއްވައިފިއެވެ.

ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވީ ރަސުލްޖުމްހޫރިއްޔާ ރާއްޖޭގެ ދެކުނަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގެން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފުވައްމުލައް ސިޓީގެ 50 މަގެއް ތާރު އަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު އެމްޓީސީސީ އިން ބުނީ އެއީ ގާތްގަނޑަކަށް 12.7 ކިލޯމީޓަރުގެ ސަރަހައްދެއްކަމަށެވެ. އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން، ފުވައްމުލައް ސިޓީގެ މަގުތަކުގައި ވިއްސާރަ ދުވަސްދުވަހު ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށެވެ.

ސަރުކާރުން ދެ އަހަރުގެ ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތުގެ އަގަކީ 225 މިލިއަން ރުފިޔާއެވެ. ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު އިފްތިތާހުކޮށްފައިވާއިރު، އެ ރަށުގެ މަގުތައް ތަރައްގީކޮށް ރަނގަޅު ފެންވަރަަކށް ހެދުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.