ކޯޓުތަކުގެ ސިޔާސަތުތައް ހަރުދަނާ ކުރުމަށް ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން ނިންމައިފިއެވެ.

މިއަދު ބޭއްވުނު ކޮމިޝަނުގެ ޖަލްސާގައި ވަނީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމުގައި ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު ސިޔާސަތުތަކަކަށް ހެދުމަށްޓަކައި "ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު" ނަމުގައި ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން ނިންމާފައެވެ.

އެގޮތުން މި ބޯޑުގައި ސިޔާސަތުތައް އެކުލަވާލާނީ ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެންކަމަށާއި، ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ކުރުމުގައި ފަނޑިޔާރުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލަފާދިނުމަށްކަމަށްވެސް ވަނީ ބުނެފައެވެ.

މިއީ 9 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.

މި ބޯޑުގައި ހިމެނޭ 9 ފަރާތަކީ:

1. ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު

2. ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް

3. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު

4. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓު، ޖުޑީޝަލް ސާވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު

5. ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓު، ޖުޑީޝަލް ސާވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު

6. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތައް، ޖުޑީޝަލް ސާވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު

7. ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކު

8. މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކު

9. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ

މީގެއިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު އައްޔަންކުރައްވާ ފަނޑިޔާރަކު އައްޔަނުކުރެވޭނީ ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުސޫލަކުން ކޮންމެ އަހަރަކު 1 ފަހަރު ބަދަލުވާ ގޮތަށްކަމަށެވެ.