ރާއްޖެ އަކީ ފްރާންސް އާ އެއްވަރުގެ ސަރަހައްދެއް ކަމަށާއި، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ހުރިހާ ފަރާތްތަކުން އެހީތެރިވުމަށް ގޮވާލައްވައި ރާއްޖޭގެ އަސްކަރިއްޔާއަށް ޕެޓްރޯލް ބޯޓުތަކާއި މަތިންދާބޯޓެއް ދޭން އެމެރިކާއިން ހުށަހަޅާފައި ވާ ކަމަށް ބުނެފިއެވެ.

އެމެރިކާއިން ދެކުނު އަދި މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ޑޮނާލްޑު ލޫ ވިދާޅުވީ، 1200 ރަށް ހިމެނޭ ރާއްޖޭގެ ސަރަހައްދަކީ 53،000 އަކަ ކިލޯމީޓަރުގެ މާ ސިންގާ ބޮޑު ސަރަހައްދެއް [ފްރާންސް އާ އެއްވަރު] ކަމަށާއި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ.

ޕެޓްރޯލް ބޯޓުތަކާއި މަތިންދާ ބޯޓެއް ދިނުމުގެ މަޝްވަރާތައް ކުރިއަށް ދާކަން ހާމަ ކުރައްވައި އޭނާ ވިދާޅުވީ، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ގާއިލުކަން އިތުރު ކުރުމުގެ ތެރެއިން ކޮމާޝަލް ސެޓެލައިޓު ބޭނުން ކޮށްގެން ވަގުތުން ވަގުތަށް ކަންކަން ބަލައި މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމުވެސް ހަމަޖެހުން މުހިންމު ކަމަށެވެ.

އޭނާގެ ވާހަކައިގައި ރާއްޖޭޖެ ޖަޒީރާ ރަށްތަކަށް ދިމާވާ ދިމާވެށީގެ މައްސަލަތަކާއި އެ މައްސަލަތައް ދިމާވުމުގައި ބައިނަލްއަގުވާމީ އެހެން ފަރާތްތަކުގެ ދައުރު އޮތުމާއެކު އެ ރޮނގުންވެސް ރާއްޖެއަށް އެހީތެރިކަން ދޭން ޖެހޭކަން ފާހަގަ ކުރެއްވިއެވެ.

އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ވަކި އަތަކަށް ނުޖެހި އެންމެނާވެސް ގުޅިގެން، ގުޅުން ބަދަހިކޮށްގެން ކުރިއަށް ގެންދަން ޖެހޭ ސިޔާސަތެއް ކަމަށް ވިދާޅުވެ ލޫ ވަނީ އިންޑޯ ޕެސިފިކްގެ ގިނަ ގައުމުތަކަށް ޗައިނާގެ ފަރާތުން ދިމާވެފައި ވާ ދަރަނީގެ މައްސަލަ ރާއްޖެއަށް ވެސް ދިމާވެފައި ވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން 2026 އަންނަ އިރު އަދާ ކުރަން ޖެހޭ ބޭރުގެ ދަރަނި 1.3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި އެއީ ރާއްޖޭގެ ބަޖެޓަށް ވުރެވެސް ބޮޑު އަދަދެއް ކަމަށް ވާ އިރު، ދަރަނި ރީސްޓްރަކްޗާ ކުރެވި ފައިސާ ދެއްކޭނެ ގޮތްތައް ހަމަޖެހުމަކި މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ދެމެހެއްޓެނިވި ޕްރައިވެޓް ސެކްޓާ އިންވެސްޓްމަންޓް ތައް ރާއްޖޭގައި ކުރުން މުހިންމު ކަމަށާއި، ޗައިނާގެ ޕްރޮޖެކްޓް ތަކަކީ އަދި އެނޫންވެސް އުމްރާނީ ތަރައްގީ އާ ގުޅޭގޮތުން ކުރެވިފައި ހުރި އިންވެސްޓްމަންޓްތަކަކީ އެއިން މާލީ ތަނަވަސްކަން އިތުރުވާ ގޮތަށް ކުރެވިފައި ހުރި ކަންކަން ނޫންކަމަށް ވެެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ޕޮޓެންޝަލް އެބައޮތް، މުޅި ރާއްޖެއަށް އެއޮތީ ފަތުރުވެރިކަން ފެތުރިފައި"
ލޫ

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ގޮތްތައް ފަހިކުރުމަށް އިންވެސްޓްމަންޓް އެގްރީމަންޓަކަށް ދިޔުމާ ގުޅޭގޮތުންވެސް ދިވެހި ސަރުކާރާ މަޝްވަރާ ކުރަމުން ގެންދާ ކަމަށާއި އޭގެ ތެރެއިން ދެމެހެއްޓެވި ކަންކަމަށް އިންވެސްޓް ކުރުމަށް ފައިސާ ހަމަޖެހިގެން ދާނެ ކަމަށެވެ.

"ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް މާސިންގާ ސަރަހައްދެއް، އެތާނގެ އިސްތިގުލާލު ރައްކާތެރިކުރުމަށްޓަކައި ޓެކްނޮލޮޖީ އާއި އިކްއިޕްމަންޓުގެ އެހީ ބޭނުންވޭ، އަހަންނަށް ގަބޫލު ކުރެވެނީ އެކަންކަމުގައި އަހަރެމެން އެންމެނަށް ސަޕޯޓު ކޮށްދެވޭނީ ކިހިނެއްތޯ ބަލަން ޖެހޭ ކަމަށް" ލޫ ވިދާޅުވިއެވެ.

https://youtu.be/JIfrZW9Kt60

މިއަދު ރާއްޖެއަށް އެހީތެރި ނުވެއްޖެނަމަ ނުވަތަ މޫސުމީ ބަދަލުތަކުގެ ޝިކާރައަކަށް ވެ ރާއްޖެ ގެއްލިގެން ހިގައިދާނެ ކަމަށާއި އެހެން ކަމުން ކްލީން އެނާޖީ އާއި ދެމެހެއްޓެވިވި ތަރައްގީއަށް އިންވެސްޓް ކޮށްދޭން 'ރާއްޖޭގެ ރަހުމަތްތެރިންގެ ހައިސިއްތަޔުން އަހަރެމެން އެންމެން' އަލުން އެއްބަސްވާން ޖެހޭނެ ކަމަށެވެ.

އޭނާ އެވާހަކަތައް ދައްކަވާފައި ވަނި އިންޑޯ ޕެސިފިކްގެ ގުޅުމަށް 2 އަަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ޕެނަލް ޑިޝްކަޝަނެއްގައެވެ.

މި މޭރުމުން ލޫ ވާހަކަ ދެއްކެވި އިރު، ރާއްޖެއިން ޗައިނާ އާ ގާތްކަން އުފައްދަމުން ގެންދާތީ، އެމެރިކާގެ އިސް އޮފިޝަލުން ރާއްޖެއަށް ކުރައްވާ ޒިޔާތްތައް ވަނި ގިނަ ކުރައްވާފައެވެ. އެގޮތުން މިއަދު އިންޑިއާ، ރާއްޖެ އަދި ލަންކާ އަށް ކުރައްވާ ދަތުރެއްގައި އެގައުމުގެ ޑެޕިއުޓީ ސެކްރެޓަރީ ފޯ މެނޭޖްމަންޓް އެންޑް ރިސޯސަސް ރިޗާޑް އާރު. ވަރުމާ، އިންޑިއާ އަށް ވަޑައިގަންނަވާނެއެވެ. އޭނާ ރާއްޖެއަށް ވަޑައިގަންނަވާ އިރު ރާއްޖޭގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުންނާއި އިގްތިސޯދީ ދާއިރާއިން ގުޅުންތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރާއްޖޭގައި އެމެރިކާގެ އެމްބަސީ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު ވެސް އޭނާ ބައްލަވާލައްވާނެ ކަމަށް ސްޓޭޓް ޑިޕާޓުމަންޓުން ބުނެއެވެ. އެމެރިކާއިން ރާއްޖޭގައި އެމްބަސީ ގާއިމު ކުރެވުމުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއެކު ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން އިތުރަށް ކައިރި ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.