ރ. ދުވާފަރުން ކަރަންޓު ކެނޑުނުތާ އެތަކެއް އިރެއްވީ ފަހުން މައްސަލަ ހައްލުކޮށް، އަލުން ކަރަންޓުދީފިއެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން، ދުވާފަރުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އިއްޔެ ހެނދުނު 8 އިން ހަވީރު 4 އަށް ކަރަންޓު ކެނޑޭނެ ކަމަށް އޮތީ އިއުލާނު ކޮށްފައެވެ.

ނަމަވެސް އެ މަސައްކަތް ނިންމައި ރަށަށް ކަރަންޓު ދިން ފަހުން ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ، ރަށުގެ ބޮޑު ބަޔަކުން ވަނީ އެއްކޮށް ކަރަންޓު ކެނޑިފައެވެ.

އެހެންވެ، ރޭގެ ނިޔަލަށް ކަރަންޓުގެ މައްސަލަ ހައްލުނުވުމުން އެ ރަށުގެ ބަޔަކު ނުކުމެ އިހުތިޖާޖު ވެސް ކުރިއެވެ.

އެހެންކަމުން ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްފައިވާ ކަން ހާމަކޮށް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ސްޓެލްކޯގެ އިންޖިނިއަރިން ޓީމުގެ އެހީތެރިކަމާ އެކު މިއަދު ހެނދުނު 6:30 ކަން ހާއިރު އެ ރަށަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

ދުވާފަރަށް ކަރަންޓްގެ ހިދުމަތް ދޭ ކުންފުންޏަކީ އެމްޑަބްލިއެސްސީ އެވެ.