މާލޭ ޓިމްބާ ހައުސް [ލަކުޑި ގުދަނެއް] އިން މިއަދު ހަރުފައެއް ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަރުފަ ފެނިފައި ވަނީ ރާއްޖެއަށް ލަކުޑި އެތެރެކުރާ ޓިމްބާ ހައުސްގެ ލަކުޑި ގުދަނަކުންނެވެ. އެގޮތުން މި ހަރުފަ ފުރަތަމަ ފެނުނީ އެގުދަނުގެ ލަކުޑި ތަކެއްގެ ތެރޭ އޮށްވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހަރުފައިގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި އެއީ ބޮޑު ހަރުފައެކެވެ. އަދި ބަލާ ބެލުމަށް ވައްތަރީ ޕައިތަން ހަރުފައަކާއެވެ.

މި ހަރުފަ ފެނުމާއެކު ސިފައިންނަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި ހަރުފަ ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ނައްތާލާފައި ކަމަށް މައުލޫމާތު ލިބެއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް އިން ބުނީ މި ހަރުފައިގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި މިފަދަ ހާލަތްތަކުގައި އަމަލު ކުރަން ޖެހޭ އުސޫލުން އަމަލު ކުރަމުން ދާކަމަށެވެ.

މީގެކުރިން ވެސް މިފަދައިން ލަކުޑި ގުދަން ތަކުންނާއި ކޮންޓެއިނާ ތަކުން ހަރުފަ ފެނިފައި އެބަ ހުއްޓެވެ. ހަރުފައިގެ އިތުރުން ކިނބޫ ފަދަ ތަކެތިވެސް ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކުގެ ގޮނޑުދޮށާ ކައިރިން ދަނީ ފެންނަމުންނެވެ. އެގޮތުން މިދިޔަ މަހުވެސް ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން ކިނބުލެއް ފެނިފައެވެ. އަދި އެމްއެންޑީއެފް އިން ވަނީ ކިނބޫ ހިފުމަށް ފަހު ކ. ބޮލިދުއްފަރުން ފެށިގެން 24 ނޯޓިކަލް މޭލު ބޭރަށް އެ ކިނބޫ ދޫކޮށްލާފައެވެ.