ރަޝިއާއިން ކޮންޓްރޯލް ކުރާ ޑޮނެސްކާ އިންވެގެން އޮންނަ އަވްދިވްކާ ރަޝިއާ ސިފައިން ހިފައިފިއެވެ. މިއީ ފެބްރުއަރީ 22، 2022 ގައި ޔޫކްރައިން ހަނގުރާމަ ފެށިފަހުން އެންމެ ލޭއޮރޮހުވުން ބޮޑުވި އެއް ޓައުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ގާތްގަނޑަކަށް 34،000 އެއްހާ މީހުން ދިރިއުޅެމުން ދިޔަ ޓައުން ހަނގުރާމަ އާ އެކު ހުސްވަމުން ހުސްވަމުން ގޮސް ރަޝިއާގެ އަތްދަށަށް އެތަން ދިޔަ އިރު ތިބީ 1000 އެއްހާ މީހުންނެވެ.

ޔޫކްރައިންގެ ސިފައިން އެތަން ކޮންޓްރޯލް ކޮށް ރަޝިއާގެ ފައުޖުތަކަށް ހަމަލާ ދެމުން ދިޔަ ނަމަވެސް ޔޫކްރައިންގެ ފައުޖުތައް ހަތިޔާރަށް ޖެހި މަރުވާ ސިފައިންގެ އަދަދާއި ރަޝިއާގެ އަތްދަށުވާ ސިފައިންގެ އަދަދު އިތުރުވާން ފެށުމުން، ޔޫކްރައިން އިން އެތަން ދޫކޮށް ވަނީ ފައިބާފައެވެ. އޭރު ރަޝިއާ ސިފައިން ތިބީ އެ ޓައުންގެ 3 ފަރާތުން ފަށާލާފައެވެެ.

އެ ތަން ދޫކޮށް ފޭބިކަން ހާމަ ކުރައްވައި ޔޫކްރައިންގެ އާ އާމީ ޗީފް ވިދާޅުވީ، ހަތިޔާރު ނެތި އެތާނގައި ދެމިތިބެން ވިސްނައިފިނަމަ ޔޫކްރައިންގެ ސިފައިންނަށް ލިބޭ ގެއްލުން ބޮޑުވެ ފުރާނަ ގެއްލޭ ސިފައިންގެ އަދަދު އިތުވާނެ ކަމަށާއި އެހެން ކަމުން ފަހަތަށް ޖެހި، ދިފާއީ ފާރު ވަރުގަދަ ކުރީ ކަމަށެވެ.

ރަޝިއާއިން ގަބޫލު ކުރާ ގޮތުގައި އަވްދިވްކާ އަކީ ޔޫކްރައިން އިން ޑޮނެސްކަށް ދެމުން ގެންދާ ހަމަލާތަކާއި ބޮން އެޅުން ކޮންޓްރޯލް ކުރުމަށް ކޮންެމެހެންވެސް ހިފަން މުހިންމު ޓައުނެކެވެ. ޑެނެސްކުން ފެށިގެން 10 ވަރަކަށް ކިލޯމީޓަރަށް ފެތުރިފައި އޮންނަ އެ ޓައުން ހިފައި، ކާމިޔާބީ ފާހަގަ ކުރުމަށް ރަޝިއާ ސިފައިން އާންމު ކުރި ވީޑިއޯ ކްލިޕެއްގައި ބުނެފައި ވަނީ، އެ ޓައުން ރަޝިއާގެ ކޮންޓްރޯލަށް ގެނެވިފައި ވާ ކަމަށެވެ.

އަވްދިކްވާ ރަޝިއާގެ އަތް ދަށަށް މިދިޔައީ އެތަން ހިފުމަށް މިދިޔަ އޮކްޓޯބަރުން ފެށިގެން ދެފަރާތުންވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކުރުމަށް ފަހުއެވެ. ގެއްލުން ބޮޑު އެ ކުރިމަތިލުމުގައި ދެފަރާތުން އެތައްހާސް ސިފައިންނެއް މަރުވި ކަމަށް ރިޕޯޓުތައް ބުނެފައި ވެއެވެ.

އަވްދިވްކާ ރަޝިއާގެ އަތްދަށް ދިޔަ އިރު މިއީ އަންނަ މަހު ރަޝިއާގައި އޮންނަ ރިޔާސީ އިންތިހާބަށް ޕުޓިން އަށް ލިބިވަޑައިގެނެވި ކާމިޔާބީއެއް ކަމަށް އެއްބަޔަކު ސިފަ ކުރާ އިރު، އަނެއް ބަޔަކު ބުނަމުން ދަނީ، އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުގެ އާ ސްޓޮކާއެކު ޔޫކްރައިން އިން އެތަން އަލުން ހިފާނެ ކަމަށެވެ.