ޖައްވުގައި ހުންނަ ސެޓެލައިޓްތަކަށް ޖައްވުގައި ހަމަލާ ދެވޭނެ ގާބިލުކަން ރަޝިއާއިން ހޯދައިފި ކަމަށާއި އެއީ ކަންބޮޑުވުން އޮތް ކަމެއް ކަަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ވައިޓްހައުސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ކާބީ އެހެން ވިދާޅުވީ، ރަޝިއާއިން ޖައްވުގައި ގާއިމު ކޮށްފައި ވާ ގާބިލުކަމުގެ ތެރެއިން ޖައްވުގައި ހުންނަ އެހެން ސެޓެލަތްތަކަށް ނިއުކްލިއާ ހަމަލާއެއް ދިނުމަށް ތައްޔާރުވާ ކަމަށް ބުނެ އެމެރިކާގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކުރުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ކާބީ ވިދާޅުވީ، ރަޝިއާއިން އެފަދަ ގާބިލުކަން ހޯދާފައިވާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމެރިކާގައި އެބަހުރި ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެފަދަ ހަތިޔާރެއް ރަޝިއާގެ އަތުގައި ނެތް ކަމަށެވެ. އެހެން ކަމުން އެއީ މިވަގުތަށް ނުރައްކަލެއް އޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް އޭނާ ވިދާޅުވެއެވެ.

އިތުރަށް އޭނާ ވިދާޅުވީ، އިންޓެލިޖެންސް މައުލޫމާތު ތައް އިތުރަށް ދިރާސާ ކުރަމުން ގެންދާ ކަމަށާއި އެކަމާ ގުޅިގެން ހުޅަނގުގެ ބައިވެރިންނާ އެމެރިކާއިން މަޝްވަރާ ކުރާނެ ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެއްވާ އޭނާ ވިދާޅުވީ އެ ހަތިޔާރަކީ ޖައްވުގައި ބޭނުން ކުރާ ހަތިޔާރެއް ކަމަށެވެ.

އެކަމާ ގުޅިގެން ރަޝިއާއިން ބުނީ، އެމެރިކާއިން ވާހަކައެއް ހަދަނީ ކަމަށާއި އެ ވާހަކަ ހަދަނީ، ޔޫކްރައިން އަށް ދިނުމަށް ފާސްކުރަން ބޭނުންވާ އެތައް ބިލިއަން ޑޮލަރެއްގެ ޕެކޭޖް ކޮންގްރެސް އިން ފާސްކޮށް ދީފައި ނުވާތީ އެކަން ކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ.

"އެމެރިކާއިން ބޭނުންވަނީ ހީލަތެއް ހަދައިގެން ވިޔަސް ޔޫކްރައިންގެ އެއިޑް ޕެކޭޖް ކޮންގްރެސް އިން ފާސްކުރުވަން، ބަމަލާ ހިނގާ ވައިޓްހައުސް އިން ކުޅޭ ގޭމަކީ ކޮބައިތޯ" ކްރެމްލިންގެ ތަރުޖަމާން ޑިމިތްރީ ޕެސްކޯވް ވިދާޅުވިއެވެ.

މީގެ ކުރިން 2020 ގައި ވެސް ރަޝިއާއިން ޖައްވީ ހަތިޔާރެއް ޓެސްތް ކުރި ކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ބުންޏެވެ. އެފަހަރުވެސް ރަޝިއާއިން ބުނީ އެއީ ހުސް ޕްރޮޕެގެންޑާ ކަމަށެވެ.

މި ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކާބީ އިތުރަށް ވިދާޅުވީ އެ ހަތިޔާރުގެ ނުރައްކާ ދުނިޔޭގެ އޯބިޓުގައި ހަރަކާތްތެރިވާ އެސްޓްރޮނޯޓުންގެ އިތުރުން އެކިއެކި ގައުމުތަކުން ޖައްވަށް އަރުވާފައި ވާ އަސްކަރީ އަދި އެހެނިގެން ހައްސާސް މައުލޫމާތު ހޯދާ އާންމު ސެޓެލައިޓްތަކަށް ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެއީ 1969 ގައި ހަދާފައި ވާ "ޖައްވާ ބެހޭ އެއްބަސްވުން" އާ ހިލާފު ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އެ ޓްރީޓީ ބުނާގޮތުން ނިއުކްލިއާ ހަތިޔާރެއް އަދި ގެއްލުންދެނިވި ހަތިޔާރެއް ޖައްވުގައި ބޭނުން ކުރުމަކީ މަނާކަމެކެވެ. އަދި އެހެން އެއްވެސް ބޭނުމެއްގައި ޖައްވުގައި ހަތިޔާރު ބެހެއްޓުންވެސް އެ އެއްބަސްވުމުން މަނާ ކުރެއެވެ.

އެކްސްޕާޓުން ބުނާ ގޮތުން ރަޝިއާއިން އެފަދަ ހަތިޔާރެއް ޖައްވަށް ފޮނުވިޔަސް އޭގެ މުގާބިލުގައި އެމެރިކާއަށް ރައްދު ދިނުމުގެ ގާބިލުކަން އަދި ލިބިފައެއް ނުވެއެވެ.

މި ކަމާ ގުޅޭ އިންޓެލިޖެންސް ހޯދުންތައް އޮފިޝަލުން ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ ހިއްސާ ކުރައްވާފައެވެ. އަދި އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން އެފަދަ ކަންކަމުގައި ރަޝިއާގެ އެންމެ އިސްވެރިޔާ ވްލަޑިމިއާ ޕުޓިންނާ ވާހަކަ ދައްކަވަން ޖެހިވަޑައިގަންނަވާނީ ބައިޑަން އަށެވެ.