އިންޑިއާގެ ވެރިން އިންތިހާބަށް ރިޝްވަތު ނަގާ ކަމުގެ ތުހުމަތު ފާޅުގައި ކުރަމުން ދަނިކޮށް، ކާކުކަން ނޭނގޭ ގޮތަށް ސިޔާސީ ޕާޓީތަކަށް ހަަރަދު ކުރުން ސްޕްރީމް ކޯޓުން ހުއްޓުވައިފިއެވެ.
އެ ކޯޓުން ބުނީ، އެއީ ގާނޫނު އަސާސީއާވެސް ހިލާފު އަމަލެއް ކަމަށާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނާއި އިންކަން ޓެކްސްގެ ގާނޫނާއި އަދި ފައިނޭސް އެކްޓާވެސް ހިލާފު އަމަލެއް ކަމަށެވެ.
އެހެންކަމުން ހަމަ މިވަގުތުން ފެށިގެން ސިޔާސީ ޕާޓީތަކަށް ނުވަތަ ސިޔާސީ ފަރާތްތަކަށް ބޭންކްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުން ހުއްޓާލަން ވަނީ އަންގާފައެވެ. އަދި މިހާތަނަށް އެގޮތަށް ފައިސާ ލިބިފައިވާ ސިޔާސީ ޕާޓީތަކުގެ ތަފްސީލު، އަންމަ މާޗް މަހުގެ 6 ގެ ކުރިން ހުށަހެޅުމަށް ސްޓޭތް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މައްޗަށް ވެސް ވަނީ އަމުރު ކޮށްފައެވެ. އަދި އޭގައި ބޮންޑް ގަންނަ ފަރާތައި، ވިއްކާ ފަރާތައި ތާރީހު ފަދަ ހުރިހާ މައުލޫމާތެއް އެނގެން ހުންނަން ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެގޮތުން އިލެކްޓޯލަބް ބޮންޑް ނުވަތަ މާލީ އެހީ ލިބިފައިވާ ފަރާތްތައް ހާމަ ކުރާ އިރު އެ ފައިސާ ނެގި ފަރާތްތައްވެސް އެނގެން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
އަދި މި މައުލޫމާތު އެއްކޮށް މާޗް 13 ގެ ކުރިން އެގައުމުގެ އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައި ހާމަ ކުރަން ވެސް އެ ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
އަމުރުގައި އިތުރަށް ބުނެފައި ވަނީ، ބޭންކް މެދުވެރިކޮށް އެގޮތަށް ލިބިފައިވާ މާލީ އެހީ، އެންކޭޝް ނުކޮށް [ފައިސާ ނުނަގާ ހުރުން] ހުރި ފަރާތްތަކުން [ޕާޓީތަކުން] އެފައިސާ ހަދިޔާ ކުރި ފަރާތަކަށް އަނބުރާ ދިނުމަށެވެ.
5 ޖަޖުންގެ ޕެނަލަކުން މި އަމުރު ނެރުނު އިރު، އިންޑިއާގެ އެކިއެކި ސިޔާސީ ޕާޓީތަކުން ނަހަމަ ގޮތުގައި އެގޮތަށް ފައިސާ ހޯދާ ކަމުގެ ތުހުމަތުތައް ވަނި ކުރެވިފައެވެ. އެގޮތުން އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހޫލް ގާނދީ ވަނީ ވެރިކަން ކުރާ ބީޖޭޕީގެ ވެރިއަކަށް ހުންނެވި ނަރެންދްރަ މޯދީގެ ނުފޫޒުން ސަރުކާރުގެ އޮފިޝަލުން ލައްވައި އެކިއެކި ކުންފުނިތަކަށް ބިރު ދައްކައިގެން ކެމްޕެއިނަށް ފައިސާ އަތުލަމުން ގެންދާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.
ނަމަވެސް މިވާހަކަތައް ބީޖޭޕީގެ އޮފިޝަލުން ދޮގުކުރައްވައެވެ.