އެއިރަކު ވެރިކަން ކުރާ ބަޔަކު ވެރިަކަމަށް އަންނަނީވެސް ދޮގު ހަދައިގެން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިފަދައިން ވިދާޅުވެފައި ވަނީ ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލުން އުސޫލެއް ހަދަން ނިންމުމާ ގުޅިގެންނެވެ.

ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާ މައްސަލައިގައި "ދިޔަވަރު" އާއި "ކުރުސީ" އަދި "ދޮންއަމާ" ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ބުނެ އެމްއެމްސީން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ.

މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ކަންބޮޑުވާކަމެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައި، ކަމާ ގުޅޭ އުސޫލެއް ހަދަން އިއްޔެ ބޭއްވި އެ ކައުންސިލްގެ ޖަލްސާއިން ފާސްކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ވައްޑެ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތެދު ލިޔުމާއި ދޮގު ލިޔުން ކަނޑައަޅާނީ އޭރަކު ވެރިކަމުގައި ތިބޭ ބައެއް އެދޭ ގޮތަކަށް ނޫން ކަމަށާއި އެކަން ކަނޑައަޅާނީ އާންމުން ކަމަށެވެ. އަދި މިކަމުގައި ފާހަގަކޮށްލެވޭ ކަމަކީ، އޭރަކު ވެރިކަމުގައި ތިބޭ ބަޔަކު ވެރިކަމަށް އަންނަނީވެސް ދޮގު ހަދައިގެންކަން އެންމެނަށްވެސް އިނގޭ ކަަމަށް ވައްޑެ ވިދާޅުވެފައި ވެއެވެ.

"އަދި މީގައި ފާހަގަކުރަން ޖެހޭ ހަގީގަތަކީ، އޭރަކު ވެރިކަމުގައި ތިބޭ ބަޔަކު ވެރިކަމަށް އަންނަނީވެސް ފުދޭވަރަކަށް ދޮގު ހަދައިގެންކަން އެންމެނަށްވެސް އެބަ އެނގޭ."
ވައްޑެ

އެމްއެމްސީން މި މައްސަލަ ބަލަންފަށާފައިވާއިރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުމާ ގުޅިގެން ކުރުސީ އާއި ދިޔަވަރު ވެބްސައިޓް ވަނީ މީގެ ކުރިން ބްލޮކްވެސް ކޮށްފައެވެ. ނަމަވެސް ފަހުން އެ ދެ ވެބްސައިޓްވެސް ހުޅުވާލާފައިވެއެވެ. އެ މައްސަލަގައި ސަރުކާރުން ބުނީ ރަޖިސްޓާ ކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ ވެބްސައިޓެއް ބްލޮކް ނުކުރާނެ ކަމަށެވެ.

ސަރުކާރުން އެފަދައިން ބުނި ނަމަވެސް އެކަން ކޮށްފައި ވަނީ ސަރުކާރަށް ފާޑުކިޔާ އާޓިކަލް ޝާއިއުކުރާތީ ކަމަށް ގިނަބަޔަކު ގަބޫލު ކުރިއެވެ. އަދި އެއީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށްވެސް އޭރު މީހުން ބުނަމުންދިޔައެވެ.