ށ. ފުނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ އަމަލީ މަސައްކަތް މިދިޔަ ހޯމަ ދުވަހު ފަށައިފިއެވެ.

އެ ރަށު ފުޓްބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކުރިީ މި ހިނގާ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

ޒުވާނުންގެ ދުޅަހެޔޮ ކަމަށާއި ރަށުގެ އިޖުތިމާއީ ތަރައްގީއަށް ހެޔޮ އަސަރުތަކެއް ކުރުވުމުގެ މަގްސަދުގައި ހިންގާ މި މަޝްރޫއުގެ ދަށުން ސަބްބޭސް ހެދުމަށް ބޭނުންވާ 2,400 ކިއުބިކް މީޓަރުގެ ވެލި އެކްސްކަވޭޓް ކުރުމާއި، 15,039 އަކަ މީޓަރުގެ ސަރަޙައްދެއްގެ ސަބްބޭސް ތައްޔާރު ކުރުމާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 3.49 މިލިއަން ރުފިޔާއަށް 90 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 2800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުނަދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާއްމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ގެދޮރު އިމާރާތް ކުރުމެވެ.

އެ ރަށަކީ ފުޓްބޯޅަ ކުޅެން ފޯރި ހުންނަ ޒުވާނުންގެ އާބާދީއެއް އޮންނަ ރަށަކަށްވުމުން މަސައްކަތް ނިމުމާއެކު އެ ރަށުގެ ޒުވާނުން ފުޓްބޯޅަ ކުޅޭނެ ދަނޑެއް އަނެއްކާ ވެސް ލިބިގެންދާނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައި ވެއެވެ.