ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އޮންލައިންކޮށް ދިވެހި އަދި އިސްލާމް ކިޔަވައިދޭން ފެށުމަށް ސަރުކާރުން ހިންގަން ވައުދުވެފައިވާ "ރިވެލި" ޕްރޮގްރާމް ރައީސް ޑރ. މުއިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ރައީސް މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ދުބާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދުބާއީގައި އުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ތާޖު ހޮޓަލްގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ރައީސް ވިދާޅުވީ ރިވެލި ޕްރޮގްރާމަކީ ދިވެހި ކުދިންނަށް ދިވެހި އަދި އިސްލާމު ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެމިރޭޓްސްގެ އެކި ސިޓީތަކުގައި އުޅޭ ހުރިހާ ދިވެހި ކުދިންނަށް ކިޔެވޭނެ ފުރުސަތު ލިބިގެންދާނޭ ޕްރޮގްރާމެއް ކަމަށެވެ. މީގެއިތުރުން ދިވެހި އަދި އިސްލާމް ކިޔަވަދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުންވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޔޫއޭއީއަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ސަފީރު މުަހައްމަދު ހުސައިން ޝަރީފު ވިދާޅުވީ ރިވެލި ޕްރޮގްރާމް ޔޫއޭއީއިން ފެށިގެން ދިޔަ ނަމަވެސް މުސްތަގުބަލުގައި ދިވެހިން އުޅޭ ހުރިހާ ގައުމެއްގައި އެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމް އިފްތިތާހު ކުރެއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޔޫއޭއީ ނޫން އެހެނިހެން ބައެއް ގައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އޮންލައިންކޮށް މި ދެ މާއްދާ ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދެމުންދާ ކަމަށާއި، މިހާރު ސަރުކާރުން ތައްޔާރުވަމުން އަންނަނީ އޮސްޓްރޭލިއާއީ މެލޭޝިޔާ އަދި ސިންގަޕޫރުގައި ވެސް މި ޕްރޮގްރާމް ފެއްޓުމަށް ކަމަށެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މިއީ މުޅިން އަލަށް ފައްޓާ ޕްރޮގްރާމަކަށް ވުމާއި ގުޅިގެން އެކިއެކި މައްސަލަތައް ކުރިމަތިވުން އެކަށީގެން ވާކަމަށާއި، އެފަދަ މައްސަލަތައް ރަނގަޅުކޮށް މި ޕްރޮގްރާމުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.