2014 ވަނަ އަހަރު ރަޝިއާއިން ހިފި ޔޫކްރައިންގެ ކްރިމިއާގެ ބޭރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ގޮއްވާލައިފިއެވެ.

ރޭނގަނޑުގެ ވަގުތުގައި ދިން މިހަމަލާގެ ވީޑިއޯ ޔޫކްރައިންގެ ސިފައިން އާންމުކޮށްފައި ވާ އިރު ބުނެފައި ވަނީ އެއީ ކަޅުކަނޑުގައި ކްރިމިއާގެ ބޭރުގައި އޮންނަ ރަޝިއާ ފައުޖުގެ އެންމެ ބޮޑު އެއް މަނަވަރު ކަމަށެވެ.

ސީޒާ ކްނިކޮވް ނަމަކަށް ކިޔާ އަސްކަރީ މަނަވަރަށް ހަމަލާ ދީފައި ވަނީ ޑްރޯން ބޭނުން ކޮށްގެންނެވެ. މިހަމަލާ އާ ގުޅިގެން ޔޫކްރައިންގެ އެލާޓް ހާލަތު ވަރުގަދަ ކޮށްފައި ވާ އިރު ރަޝިއާއިން ބަދަލު ހިފަން ހަމަލާ ދީފާނެ ކަމަށް ތިބީ ބަލަބަލައެވެ.

ރަޝިއާގެ މަނަވަރު ގޮއްވާލަން ޔޫކްރައިން އިން ޑްރޯން ހަމަލާ ދެނީ

ޔޫކްރައިންގެ މި ކުއްލި ހަމަލާ އައިސްފައި މިވަނީ, އެގައުމުގެ އާމްޑް ފޯސަސްގެ ޗީފް ބަދަލު ކޮށް އާ ވެރިއަކަށް އޮލެގްޒެންޑާ ސިރިސްކީ އައްޔަން ކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.

މި ހަމަލާ އާ ގުޅިގެން ރަޝިއާއިން އަދި މިހާތަނަށް އެއްޗެއް ބުނެފައި ނުވާ އިރު ހިނގަމުން ދާ ހަނގުރާމައިގައި ރަޝިއާއިން ވަނީ ޔޫކްރައިންގެ ޑޮނެސްކްގެ އިރުމަތީ ފަޅީގައި އޮންނަ ސެލީޑޯވް އަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާގައި 3 މީހަކު ގިނަ ބަޔަކު ޒަހަމްވި އިރު ހޮސްޕިޓަލަކާއި އުމްރާނީ ބައެއް ވަސީލަތްތަކަށް ގެއްލުން ލިބުނު ކަމަށް ހަބަރުތައް ބުނެއެވެ.

މީގެ އިތުރުން ޔޫކަރައިންގެ އިރުމަތީ ބިތުގައި ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި މިހާރުވެސް ހަނގުރާމަ ބާރެވެ. ދެފަރާތުން ހަމަލާތައް ބަދަލުކުރަމުން ގެންދާ އިރު, އެ ހަމަލާތަކުގެ އަމާޒަކީ ދެފަރާތުގައި ހުންނަ އުމްރާނީ ވަސީލާތްތަކެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ފެށީ އަސްކަރީ އޮޕަރޭޝަނަށް މިމަހުގެ 22 ގައި 2 އަހަރު ވާނެއެވެ.