ބީއެމްއެލް އިން ލުއި ލޯނު ވަގުތުން އެޕްރޫވްކޮށް 4 ގަޑި އިރު ތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ.

އެސްއެމްއީ ހަބުގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި ބީއެމްއެލް އިން ވަނީ ލުއި ލޯނަށް މޮބައިލް ބޭންކިން އަދި އިންޓަނެޓު ބޭންކިން މެދުވެރިކޮށް ހުށަހަޅާތާ ހަތަރު ގަޑިއިރުގެ ތެރޭގައި ލޯނު އެޕްރޫވް ކުރެވޭ ގޮތަށް އުސޫލު ބަދަލު ކުރިކަން އިއުލާނު ކޮށްފައެވެ. މިއީ ދިވެހިރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ.

ބީއެމްއެލްގެ ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑު ކާޑްސް، ބަދުރުއްދީން ހަސަން ވިދާޅުވީ ބީއެމްއެލް މޮބައިލް އެޕު މެދުވެރިކޮށް ވެސް އަދި އިންޓަނެޓު ބޭންކިން މެދުވެރިކޮށް ވެސް އެމީހަކަށް ލުއި ލޯނު ނެގޭނެ މިންވަރު ބަލައިލެވޭނެ ކަމަށެވެ.

މީގެއިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ހިދުމަތެއް ދިނުމަށް ޕްރޮސެސްކަތަށް ބަދަލުގެނެސް ސިސްޓަމަތަކަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާކަމަށާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކަސްޓަމަރުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަކީ ބޭންކުގެ ސްޓްރެޓެޖީގެ މުހިންމު އެއް ބައިކަމަށެވެ.

އަލަށް ގެނައި ބަދަލާއެކު ލުއި ލޯނާއި ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅުމުން ވަގުތުން އެޕްރޫވްކޮށްލެވޭނެކަން ފާހަގަކުރައްވާ ކާލް ވިދާޅުވީ މިއާއެކު ޕްރޮސެސްކުރުމަށް ހޭދަވާ ވަގުތު ފަސް ދުވަހުން މަދު މިނިޓްކޮޅަކަށް ކުޑަކުރެވިފައި ވާކަމަށެވެ. މީގެއިތުރުން މި ފައިނޭންސިންތަކަށް އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރު ލިބޭނެކަމަށާއި، މި ފައިނޭންސިން ތަކުގެ ރޭޓަކީ 15 އިންސައްތަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމެއް އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ 2013 ވަނަ އަހަރުއެވެ. އޭރު ލުއި ލޯނުގެ ގޮތުގައި ކަސްޓަމަރުންނަށް އެންމެ ގިނަ ވެގެން ވެސް ނެގެނީ 50،000ރ އެވެ. ނަމަވެސް އޭގެ ފަހުން އެކިއެކި ދާއިރާތަކަށް ހާއްސަކޮށްގެން ތަފާތު ލޯނުތައް ބީއެމްއެލް އިން ވަނީ ތައާރަފް ކޮށްފައެވެ.