ޔަހޫދީ އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ގާއިމު ކުރުމަށް މިސްރުގައި ކުރިއަށް ގެންދިޔަ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމިއްޖެއެވެ.

އެމެރިކާ އާއި ގަތަރު އަދި މިސްރު މެދުވެރިވެގެން އިޒްރޭލާއި ހަމާސް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމުމާއެކު އޮތް ނުތަނަވަސް ކަމުގައި ރަފާ ދޫކޮށް އާންމުން ފައިބަން ފަށައިފިއެވެ.

މިވަގުތު ގާތްގަނޑަކަށް 1.5 މިލިއަން މީހުން ތިބި ރަފާއަށް އެއްގަމު މަގުން އަރާނެ ކަމަށާއި، އެކަމަށް ވާން ޖެހޭ ތައްޔާރީތައް ކުރަމުން ދާ ކަމަށް އިޒްރޭލު ބޮޑުވަޒީރު ނަތަންތާހޫ ވަނީ ބުނެފައެވެ. މިހާރުވެސް ރަފާގެ ވަށައިގެންނާއި އަދި ރަފާގެ އެކި ތަންތަނަށް ބޮން އަޅަމުން ގެންދާ އިރު ކޮންމެ 24 ގަޑިއިރަކުން ޝަހީދުވާ މީހުންގެ އަދަދުތައް ދަނީ 150 އިން 200 އިން ގުނެމުންނެވެ. ބޮން އެޅުމުގައި ވަކި ތަނެއް ނުބަލާއިރު ހާމަ ސަރަހާގެ ތެރޭގައި ޓެންތް ޖަހައިގެން ތިބި މީހުންގެ ބޮލަށް ވެސް އިޒްރޭލުން ދަނީ ބޮން އަޅަމުންނެވެ.

3 ދުވަހުގެ މުއްދަތަށް މިސްރުގައި ކުރިއަށް ގެންދިޔަ ވާހަކަތަކުގައި ރަހީނުން މިނިވަން ކުރުމާއި ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ދިނުމާއި ހަނގުރާމަ ހުއްޓާލުމަށް ގޮތްތަކެއް ހުށަހަޅާ މަޝްވަރާ ކުރިއެވެ. ނަމަވެސް އިޒްރޭލުން އެކަންކަމަށް އެއްބަސް ނުވުމާއެކު މަޝްވަރާތައް ނާކާމިޔާބު ވި އިރު އިޒްރޭލުން އެއްގަމު މަގުން އަރާފާނެކަމުގެ ބިރަށް ޖާނު ސަލާމަތް ކޮށްގެން ގިނަ ބަޔަކު ވަނީ ރަފާ ދޫކޮށް ދާން ފަށާފައެވެ. އެގޮތުން ބައެއް މީހުން ކައިރީގައި އޮންނަ މަގާޒީއަށް ދާން ފަށާފައި ވާ އިރު އެއީ ރައްކާތެރި ތަނެއްކަމަށް އެމީހުން ގަބޫލު ކުރެއެވެ. ނަމަވެސް މުރާސިލުންނާއި މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނީ ގާޒާގައި ރައްކާތެރި އެއްވެސް ސަރަހައްދެއް ނެތް ކަމަށާއި، އިޒްރޭލުން ބަލަނީ ކޮންމެ ތަނަކީވެސް ހަނގުރާމައިގެ މައިދާނެއް ކަމަށެވެ.

އެއްގަމު މަގުން އަރައިގަތުމަށް އިޒްރޭލު ތައްޔާރުވާ އިރު އިޒްރޭލުގެ އެންމެ ބޮޑު އަމާޒަކީ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އަތުލުމެވެ. އެ މަގަށް އިޒްރޭލުން ހިންގާ ކެމްޕެއިންގައި ސިންވާރާއި އޭނާގެ އާއިލާ ހާން ޔޫނިސްގެ ޓަނަލެއްގެ ތެރޭގައި ފިލަ ތިބި ކަމަށް ބުނެ ވީޑިއޯއެއްވެސް ވަނީ އާންމު ކޮށްފައެވެ.

އެ ވީޑިއޯ އާންމުކޮށް އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާން ޑެނިއަލް ހަގަރީ ބުނެފައި ވަނީ، ސިންވާރު ގެންދަނީ ފިނޑިއެއްހެން އެއް ޓަނަލުން އަނެއް ޓަނަލުން ފިލަން ދުވަމުން ކަމަށާއި އޭނާގެ އާއިލާވެސް އެ ޓަނަލްތަކުގެ ތެރޭގައި އެބަތިބި ކަމަށެވެ.

ސިންވާރާއި ހަމާސްގެ އިސް އެހެން ބައެއް ލީޑަރުން ބޮނދާ ތިބި ކަމަށް ބުނާ ކޮޓަރިއެއްވެސް އިޒްރޭލުން އާންމު ކުރި ވީޑިއޯގައި ދައްކައެވެ.

"އަހަރެމެނަށް ފެނިއްޖެ ސިންވާރާއި އިސް ލީޑަރުން ފިލާތިބި ކޮތަރި، ހަނގުރާމަ އެ ހިނގަނީ އެމީހުންގެ ބޯމަތީގައި، އެމީހުން އެ ތިބީ ކާބޯތަކެއްޗާއި ފައިސާ ވައްދައިގެން ހަމަޖެހިލައިގެން"
ޑެނިއަލް ހަގަރީ

އިޒްރޭލުން ރަފާއަށް އަރާނެކަން އިއުލާން ކޮށްފައި ވާ އިރު އިޒްރޭލުގެ ވައަތުފިޔައިގެ އެކްޓިވިސްޓުން ގެންދަނީ ވެރިކަން ކުރާ ތެލްއަވީވުގައި އެކަމާ ދެކޮޅަށް މުޒާހަރާވެސް ކުރަމުންނެވެ. އެމީހުން ގޮވާލަމުން ދަނީ ހަމަލާތައް ހުއްޓާލައި ކުޑަކުދިން ހިމާޔަތް ކުރުމަށެވެ. ރަފާއާއި ގާޒާއަށް ދެ ހަމަލާތައް ހުއްޓާލައި ބޮން އެޅުން ހުއްޓާލަން ގޮވާލައި ޝުއޫރު ފާޅުކޮށްފައި ވާ ބޯޑުތައް ހިފައިގެން އެތައް ބަޔަކު އެމުޒާހަރާގައި ބައިވެރިވެފައި ވެއެވެ. ނަމަވެސް އިޒްރޭލުގެ ކަނާއަތުފިޔައިގެ ހަރުކަރި ޔަހޫދީން ބޭނުންވަނީ ކޮންމެ ފަދަ އަގެއް ދައްކައިގެންވެސް ގާޒާ އެކިއެކަށް ފުނޑުފުނޑު ކޮށްލައި ސިންވާރު އަތުލުމަށެވެ.

އިޒްރޭލުގެ ރަފާ ޕްލޭނަށް އެމެރިކާއިން ވެސް ދެކޮޅު ހަދަމުން ދާ އިރު ނަސޯރާއިންގެ އެންމެ މައި އިދާރާ، އިޓަލީގެ ވެޓިކަނުންވެސް ވަނީ އިޒްރޭލުގެ އެ އުދުވާން ކުށްވެރި ކޮށްފައެވެ. ހަމަ އެގޮތަށް އިނގިރޭސިވިލާތުގެ ނަސޯރާ ފައްޅިންވެސް ގޮވާލާފައި ވަނީ ހަމަލާތައް ހުއްޓާލުމަށެވެ.

ހަމަލާތައް ހުއްޓާލަން ގޮވާލައި ވައަތުފިޔައިގެ މީހުން އިޒްރޭލުގައި މުޒާހަރާ ކުރަނި / ފޮޓޯ: އަލްޖަޒީރާ

ދުނިޔެއިން ކިޔާ އެއްޒަކަށް ބެލުމެއް ނެތި އިޒްރޭލުގެ އުދުވާން ކުރިއަށް ވަރުގަދަ ކުރަމުން ދާ އިރު، އެމެރިކާއިން ވަނީ ގާޒާގައި އިންސާނީ އެހީ ފޯރުކޮށްދޭ ޔޫއެންއާރުޑަބްލިއުއޭ (އަންރުވާ) އަށް ދޭ އެހީ ހުއްޓާލައި އިޒްރޭލަށް 14.1 ބިލިއަން ޑޮަލަރުގެ އެހީ ދޭން ނިންމާފައެވެ. އެމެރިކާގެ ސެނޭޓުން 95 ބިލިއަން ޑޮަލަރުގެ ޕެކޭޖެއް ފާސް ކުރި އިރު ބާކީ ދިނުމަށް ހަމަޖެހިފައި ވަނީ ޔޫކްރައިން އަށާއި ޓައިވާނަށެވެ. މީގެ އިތުރުން އެހެން ބައެއް ގައުމުތަކަށް ވެސް އެ ބަޖެޓުގައި ކުދި ކުދި އަދަދުތައް ހިމަނާފައި ވެއެވެ.

އޮކްޓޯބަރު 7، 2023 ގައި ހަނގުރާމަ ފެށިފަހުން އިޒްރޭލުން ވަނީ ގާޒާގެ 28،473 މީހަކު ޝަހީދު ކޮށްލާފައެވެ. ޒަހަމްވި މީހުންގެ އަދަދު ވަނީ 68،146 އަށް އަރާފައެވެ. ޝަހީދު ކޮށްލި ކުދަކުދިންގެ އަދަދު 13،000 އަށް އަރައިފިއެވެ.

އިޒްރޭލުން ފަލަސްތީންގެ ރައްޔިތުން ހިފާ ހައްޔަރު ކުރަނީ / ފޮޓޯ: އަލްޖަޒީރާ

ގާޒާގެ ރައްޔިތުންނަށް އިޒްރޭލުން ޖައްސަމުންދާ އަހުވަ އަކީ މި ގަރުނުގައި ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާ ހިންގާ އެންމެ ބޮޑު ލާއިންސާނީ އަނިޔާއެވެ. ކާބޯތަކެެއްޗާއި ބޯފެނާއި، ބޭސް ގާޒާއަށް ލިބުން ހުއްޓުވައި އެތައް މިނިލިއަން ބަޔަކު ވަނީ ބަނޑަށް ޖައްސާފައެވެ. ހައިނޫނުކަން ފިލުވުމަށްޓަކައި އެތައްހާސް ބަޔަކު ދަނީ މަގުމަތީގައި ހެދިފައި ހުންނަ ޗަކަ ފެންގަނޑުން ކޯވަރު ކޯވަރަށް ބޮމުންނެވެ. ހުއްޓުމެއް ނެތި އަޅަމުން ދާ ބޮންތަކާއި ދެމުން ގެންދާ މިސައިލް ހަމަލާތަކުގެ ސަބަބުން ތަޣައްޔަރުވެފައި ވާ މާހައުލުގައި ބަލިމަޑުކަން ފެތުރި މިލިއަނެއްހާ މީހުން ތިބީ ގައިންގަޔަން އަރާ ބައްޔާއި ގައިންގަޔަށް ނާރާ ބަލިތަކުގެ ޝިކާރައަކަށް ވެފައެވެ. ކާނެ އެއްޗެއް ނެތި މަގުތަކާއި އަރިއަރިމަތީގައި ހެދިފައި ހުންނަ ވިނަ ކާން ޖެހިފައި ވާ އިރު، މައިންބަފައިން ވީނަތެއް ނޭނގި ނުވަތަ ޝަހީދުވުމުން ޔަތީމް ހާލުގައި ތިބި 17،000 ކުޑަކުދިން މަގުމަތީގައި އެބައުޅެއެވެ. ހިޔާވައްސެއް ވަންނާނެ ނެތި މިލިއަނެއްހާ މީހުން މިއަދު ތަހަންމަލް ކުރަމުން ދާ ވޭން އިތުރަށް ބޮޑުވެ ނުރައްކާވާނެ ކަމަކީ އިޒްރޭލކުން ރަފާއަށް އެރުން ކަމަށް ވާ އިރު، އެއީ މިހާރު މަރުވާ އަދަދުތައް 5-6 ގުނަވެގެން ދާނެ ކަމެއް ކަމަށް މުރާސިލުން ބުނެފައި ވެއެވެ.