އިންޑިއާގައި ދަނޑުވެރިކަމަށް ހަމައަގު ނުލިބޭ މައްސަލައިގައި އެތައްސަތޭކަ ބަޔަކު މުޒާހަރާއަށް ނިކުމެއްޖެއެވެ.

މުޒާހަރާގެ ބައިވެރިން ދިއްލީގައި ހުންނަ މަޖިލިސް ކުރާ އިމާރާތާ ދިމާއަށް މިސްރާބު ޖަހާފައި ވާ އިރު ފުލުހުން ވަނީ އެމީހުން ބްލޮކް ކުރުމަށް ސިމެންޓް ބްލޮކް ބަހައްޓާ ފެންސް ޖަހާ އަދި ރޭޒާ ވަޔަރުވެސް ދަމާފައެވެ.

މުޒާހަރާގެ ބައިވެރިންގެ އަދަދު ގިނަ ކަމުން ފުލުހުން އެމީހުން މައިތިރި ކުރީ ކަރުނަގޭސް ޖަހައިގެންނެވެ.

މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާއަށް ގާ އުކާފައިވާ އިރު, ހިނގި ކުރިމަތިލުމުގައި ބައިވެރިންގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވި ކަމަށް ހަބަރުތައް ބުނެއެވެ.

2020 ގައިވެސް މިފަދަ މުޒާހަރާއެއް ކޮށްފައި ވާއިރު އެ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމުން މިއަދު ފުލުހުން އަމަލު ކޮށްފައި ވަނީ ވީހާވެސް ގެއްލުން ކުޑަވާނެ ގޮތެއް ބަލައި ދުރާލައި ފިޔަވަޅު އެޅުމަށެވެ.

ދަނޑުވެރިންގެ ކަނބޮޑޫވުމަކީ ގޮދަނާއި ގޮވާމާއި އެހެނިހެން ބާވަތްތައް ކަމަށް ވާ ފުށް ފަދަ ތަކެއްޗަށް ހަމައަގު ނުލިބުމެވެ. އެހެން ކަމުން ހަމަ އަގު ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށް ދަނޑުވެރިން ދިޔައީ ގޮވާލަމުންނެވެ.

މިއަދުގެ މުޒާހަރާގައި ބައިވެރިވި މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ. ބައެއް ހަބަރުތައް ބުނާގޮތުން 200 އެތައް ދަނޑުވެރިންނެއް ބައިވެރިވެފައި ވެއެވެ.