20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވާ ކެންޑިޑޭޓުންގެ ފޯމުތައް އީސީއާއި މިއަދު ހަވާލުކޮށްފިއެވެ.

މިފަދައިން ބުނެފައިވަނީ ޑިމޮކްރެޓްސްގެ އެކްސް ޕޯސްޓެއްގައެވެ.

ޑިމޮކްރެޓްސްއިން ހާމަކޮށްފައިވާ ގޮތުގައި މަޖިލީހުގެ 41 ދާއިރާއަކަށް ޑިމޮކްރެޓްސް އިން ވާދަކުރާނެއެވެ. ނަމަވެސް ޑިމޮކްރެޓްސްއިން ޕްރައިމަރީ ބާއްވާފައިވަނީ އެންމެ 4 ދާއިރާއެއްގައެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އެކަނިވެސް ޖުމްލަ 115 ފޯމް ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 183 ފަރާތަކުން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.

ނަމަވެސް މިހާތަނަށް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އީސީން ނިންމާފައިނުވާއިރު އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް، އިންތިހާބަށް ކުރިމަތިލުމަށް އިތުރު މުއްދަތެއް ނުދޭނެ ކަމަށް ހަބީބް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.