ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރުގެ މަގާމަށް ފަނޑިޔާރު ހުސްނުއްސުއޫދު ހަމަޖައްސަވައިފި އެވެ.

މީގެ ކުރިން ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލް ކުރައްވަމުން ގެންދިޔައީ ފަނޑިޔާރު ޝުޖޫންއެވެ. ޝުޖޫން އެ މަގާމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި އޭނާގެ ދައުރު ހަމަވާނީ މި ހިނގާ އަހަރުގެ ފަހުކޮޅުއެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ފަނޑިޔާރު ހުސްނުއްސުއޫދު ހަމަޖައްސާފައިވާ ކަން މިއަދު އިއުލާންކޮށްފައެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ. ސުއޫދުވަނީ މީގެ ކުރިން 2010 ވަނަ އަހަރުވެސް ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ވެސްޖޭއެސްސީގެ މެންބަރުކަން ކުރައްވާފަައެވެ.

ޖޭއެސްސީގައި އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިތުރު ފަނޑިޔާރަކު އިންނަން ޖެހެއެވެ.

މިހާރު ޖޭއެސްސީގެ ރައީސް އަކަށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު ހިސާން ހުސެއިން އެވެ. އޭގެ އިތުރުންވެސް އެކި އިދާރާތަކުން އައްޔަން ކުރައްވާފައިވާ 6 ބޭފުޅުން ކޮމިޝަން ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދެއެވެ.