އަމިއްލައަށް އެދިގެން އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯޓު މިނިސްޓްރީއިން އެ ފުރުސަތު ހަމަޖައްސަދީފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކާއި މަގުމަތި ތޮއްޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ ބޭނުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން އިސްނައިގެން އެކުލަވާލި އާބަން ޓްރެފިކް ޑީ ކޮންޖެޝަން މެނޭޖްމަންޓް ކޮމިޓީގެ މަޝްވަރާގެ މަތިން، ކުރު ރާސްތާ އަދި ދުރު ރާސްތާގައި ކުރެވިދާނެ ކަމަށް ނިންމި މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ފެށުމަށް ނިންމާފައިވާ މަސައްކަތް ކަމަށެވެ.
އެގޮތުން އުޅަނދުގެ ވެރިފަރާތުން ވޮލަންޓިއާކޮށް އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިނިސްޓްރީއިން ބުނީ އެ މަސައްކަތުގެ މަގްސަދަކީ މާލެ އަދި ހުޅުމާލެ މަގުތަކުގައި ގިނަ ދުވަހު ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކުގެ ސަބަބުން މަގުމަތި ފުރި 4 ލޭނުގެ މަގުތައް 2 ލޭނަށް ކުޑަވަމުންދިއުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ އުނދަގޫތަކަށް އަވަސް ހައްލެއް ހޯދުން ކަމަށެވެ.
އެގޮތުން މާލެ އަދި ހުޅުމާލެ މަގުމަތީގައި މިހާރު ބަހައްޓާފައިވާ އުޅަނދުތަކުގެ ތެރެއިން އުޅަނދުގެ ވެރިފަރާތުން އެ އުޅަނދެއް ނައްތާލަން ބޭނުންވެ އެހެންނަމަވެސް އެ ފުރުސަތު މިހާރު ލިބިފައިނުވާ ފަރާތްތަކަށް އެ މިނިސްޓްރީއާއި ފުލުހުން އަދި ވެމްކޯ ގުޅިގެން ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިނިސްޓްރީއިން އެ ޕްރޮގްރާމްގެ ދަށުން ހުޅުވާލެވޭ ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް އެ މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައިންލޯޑްކުރުމަށްފަހު، ފޯމު ފުރާ އީމެއިލް އިން ނުވަތަ މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅޭނެ ކަމަށެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 އިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.
މިނިސްޓްރީއިން ބުނީ މި މުއްދަތުގައި ލިބޭ އެޕްލިކޭޝަންތަކާ ގުޅިގެން މިނިސްޓްރީއިން ވެރިފަރާތަށް ގުޅައި އެ ފަރާތުން ފޯރުކޮށްދޭ މައުލޫމާތު ސައްހަކަން ކަށަވަރުކުރާނެ ކަމަށާއި އެގޮތުން ފޯމު ހުށަހަޅަނީ ވެރިފަރާތުންކަން ކަށަވަރުކުރުމަށްޓަކައި ވައިބާ ވީޑިއޯކޯލް ވެރިފިކޭޝަން ހެދޭނެ ކަމަށެވެ. އަދި ވެރިފަރާތްކަން ކަށަވަރުކުރެވުމުން އެ ފަރާތުގެ ފޯމު ޕްރޮސެސްކޮށް ފުލުހާއި ވެމްކޯއާ ގުޅިގެން އުޅަނދު ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.