ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް މ. ލާލުބާއު، އަހްމަދު ޝަހީރު ހަމަޖައްސައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް ޝަހީރު ހަމަޖައްސާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޝަހީރަކީ މީގެ ކުރިން ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އޭނާ އެސްޓީއޯގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އެ ކުންފުންޏަށް 29 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވުމަށް ފަހު 2018 ވަނަ އަހަރުގެ ނޮވެންބަރު 15 ވަނަ ދުވަހުއެވެ.

ފެނަކައިގެ ޗެއާމަނަކަށް ޝަހީރު ހަމަޖައްސާފައިވާ އިރު، މި ވެރިކަމުގައި އެ ކުންފުނީގެ އެމްޑީއަކަށް ހަމަޖައްސާފައި ވަނީ،ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދެވެ.

ފެނަކަ ކުންފުންޏަކީ ބިލިއަނުން ދަރައި ގެއްލުމެއްގައި ހިންގަމުން އަންނަ ކުންފުންޏެކެވެ.

ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް، އިންތިގާލީ މަރުހަލާގައި ރައީސް މުއިއްޒު އެކުލަވާލި އިންތިގާލީ ޓީމުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 3.2 ބިލިއަން ރުފިޔާ އަކީ ސަޕްލަޔަރުންނަށް ފެނަކައިން ދައްކަން ޖެހޭ ފައިސާ ކަމަށާއި، 901 މިލިއަން ރުފިޔާ އަކީ އެ ކުންފުނިން ނަގާފައިވާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް ހާމަ ކުރިއެވެ.