މިދިޔަ ބުދަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިންގި މާރާމާރިއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ފުލުހުން އިއްޔެ ހައްޔަރުކުރީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ދެމީހުންގެ ބަންދަށް 15 ދުވަސް ދީފައި ވެއެވެ. އެމީހުން ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައި ވަނީ އެ ދެމީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެމީހުން ކަމަށެވެ. އަދި އެމީހުންގެ މައްޗަށް ކޮށްފައި ވަނީ މާރާމާރީ ހިންގުމާއި ބިރުދެެއްކުމާއި އިންޒާރުދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ ތުހުމަތެވެ.

މީގެ އިތުރުން ކޯޓު އަމުރުގައި ވަނީ މި ދެމީހުންކުރެ، 35 އަހަރުގެ މީހާ ދަނޑުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފުލުހުން ހުށަހެޅި ވީޑިއޯ ފުޓޭޖުތަކުން ފެންނަ ކަމަށެވެ.

އޭނާ އެއްވެސް މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައި ނުވާނެ ކަމަށާއި އޭނާ އަކީ ޓީމްގެ އޮފިޝަލެއް ކަމަށް ދިފާއީ ވަކީލުން ވަނީ ބުނެއެވެ. އަދި އޭނާ ދަނޑުމައްޗަށް އެރީ އެފްއޭއެމްގެ ހުއްދަ ލިބިގެން ކަމަށް ދީފާއީ ވަކީލުން ބުނި ނަމަވެސް، އެގޮތަށް ވަކީލުން ބުނުން ފިޔަވާ އެކަން ސާބިތު ކުރެވޭނެ ލިޔުމެއް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައި ނުވާކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންނެވެ.