ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެނަކު އިންތިހާބު ވެއްޖެއެވެ.

މިއަދު ބޭއްވި ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒް، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު ކާމިޔާބު ކޮށްފައި ވަނީ 941 ވޯޓު ހޯދައިގެންނެވެ. އެ އިލެކްޝަންގައި ހައްވައާ ވާދަކުރީ، އެމްޑީޕީގެ ޓިކެޓުގައި ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލާއެވެ.

އިބްރާހިމް ހަލީލަށް ޖުމްލަ 888 ވޯޓު ލިބިފައިވާ އިރު، ހައްވަ މި އިންތިހާބު ކާމިޔާބު ކުރެއްވީ 53 ވޯޓުގެ ތަފާތަކުންނެވެ.

ހައްވަ ވަނީ މީގެ ކުރިން ފ. އަތޮޅު ކައުންސިލްގެ އިދާރީ އެކި މަސައްކަތްތަކުގެ ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވާފައެވެ. ފ. އަތޮޅު ކައުންސިލް އުފެއްދުމުގެ ވެސް ކުރިން އެ އަތޮޅު އޮފީހުގައި 2000 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިހާބުކުރި ހައްވާ އަބްދުލް އަޒީޒް ފ. އަތޮޅު ކައުންސިލްގެ ރައީސްގެ ހުސްވެފައިވާ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށް ފ. އަތޮޅު ކައުންސިލްގެ އިތުރުން މިއަދު ވަނީ ވ. ފެލިދޫ ކައުންސިލްގެ ރައީސާއި ރ. ރަސްގަތީމުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން ވެސް ބާއްވައިފައެވެ.

ހައްވަ މި ގޮނޑި ކާމިޔަބު ކުރެއްވުމުން ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމުގައި އަންހެނުން ބާރުވެރި ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ލިބުނު ކާމިޔާބީއެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.