ކުރީ ސަރުކާރުން ގެދޮރުވެރިންގެ ސްކީމްގެ ދަށުން އިއުލާން ކުރި 4000 ފްލެޓް މައްސަލަ ބެލި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދާއިމީ ލިސްޓުގައި ޝަރުތު ހަމަވެ އެއްވެސް މައްސަލައެއް ދިމާނުވާ ފޯމްތަކުގެ ލިސްޓެއް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ލިސްޓް އޭސީސީން އެ މިނިސްޓްރިއަށް ހަވާލުކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުގައި ކަމަށެވެ. އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމްތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އެހެންކަމުން އެ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިދިޔަ ސަރުކާރުން ދޭން ނިންމި ފްލެޓްތައް ދިނުން އޭސީސީން ހުއްޓުވާފައި ވަނީ، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިދިޔަ ސަރުކާރުން އާންމުކުރުމާ އެކު އާންމުންގެ ގިނަ ބައެއްގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާ ކުރުމުންނެވެ. އެއާއެކު ފްލެޓް ދިނުމުގެ ކަންކަން މަޑުޖައްސާލުމަށް އޭސީސީން ބުނެފައިވާ އިރު، މި ސަރުކާރުން ވަނީ ފްލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ އޭސީސީން ހިންގަމުންދާ ތަހުގީގު ނިންމައި އެ ކޮމިޝަނުން ވަކި ގޮތެއް އެންގުމުން ކަމަށް ބުނެފައެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓްތަކުގެ ލިސްޓް އެކުލަވާލާފައިވާ ގޮތާ ގުޅިގެން އޭސީސީން ހިންގި ތަހްގީގުގެ ފުރަތަމަ މަރުހަލާ ނިންމައި އެކޮމިޝަނުގެ ހޯދުންތައް މިނިސްޓްރީއާ ހިއްސާކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ. އެކަމާ ގުޅިގެން މި މަހުގެ 4 ގައި އެ ކޮމިޝަނާ ބައްދަލުކޮށް އެ ހޯދުންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ތަހްގީގާ ގުޅޭ އިތުރު ތަފްސީލް ހޯދައި މި މައްސަލައާ ގުޅޭ ގާނޫނީ ލަފާ ހޯދައި ފުލެޓްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މީގެ ކުރިން ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭސީސީން ފްލެޓް މައްސަލައިގައި ހިންގި ތަހުގީގަށް ފަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ގެދޮރުވެރިންގެ ސްކީމްގެ ފްލެޓާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ވަނީ 4048 ފޯމް ބަލާފައި ކަމަށެވެ. އޭގެ ތެރޭގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ 20.7 ޕަސެންޓް ފޯމް ހިމެނޭ އިރު، 59.6 ޕަސެންޓް ފޯމަކީ ޝަރުތު ފުރިހަމަ ނުވާ ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ. ހަމައެއާއެކު 4048 ފޯމްގެ ތެރެއިން 19.7 ޕަސެންޓް ފޯމަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަ ހުރި ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނާ ގޮތުގައި ޝަރުތު ހަމަނުވާ ފަރާތްތައް އެ ލިސްޓުގައި ހިމްނާފައިވާ އިރު، ޝަރުތުގައި ބަޔާން ކުރާ އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރާ މާލޭގައި 15 އަހަރު ދުވަހު ދިރިއުޅެފައިވާ ފަރާތްތަކަށް މި ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ބުނާ ބައި ފުރިހަމަ ނުވާ ފަރާތްތައް ވެސް ލިސްޓުގައި ހިމަނާފައިވެއެވެ. އެގޮތުން ލިޔެކިޔުމުން އެ ފަރާތްތަކަކީ މާލޭގައި އެ މުއްދަތުގައި ދިރިއުޅެފައިވާ ކަން ޔަގީން ކުރެވިފައި ނުވެއެވެ.

މީގެ އިތުރުން ވެސް ޕޮއިންޓް ދިނުމުގައި ވެސް މައުލޫމާތު ޔަގީންކޮށްފައި ނުވާ ހާލަތްތައް ފާހަގަވެފައިވާ ކަމަސް ވެސް އެސީސީން ބުނެއެވެ. އެގޮތުން 18 އަހަރުން ދަށުގެ ދަރިއަކު ނެތް މީހުން، އެމީހުންގެ މައުލޫމާތު ޑިއެންއާރް އިން ބެލި ކަމުގައި ވިޔަސް 18 އަހަރުން ދަށުގެ ދަރިއަކު ނެތް ނަމަވެސް ދަރިން ތިބުމުން ލިބޭ ޕޮއިންޓް ދީފައިވެއެވެ.