މިއަހަރުގެ ހައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރު ކުރަން ކަމަށް ބުނެ، ސްކޭމަކުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާކަމަށާއި، މިކަމަށް ސަމާލުވުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ހައްޖަށް ދާން ބޭނުންވާ ނަމަ ޖާގަ ކަށަވަރު ކުރުމަށް ކަމަށް ބުނެ ބައެއް މީހުންނަށް މިހާރު ބަޔަކު ގުޅަމުންދާ ކަމަށެވެ. އަދި އެފަދަ ފޯނު ކޯލުތަކުން، އަމިއްލަ އެކައުންޓުތަކަކަށް ފައިސާ ޖަމާ ކުރަން އެދެމުންދާކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަނުގެ ހިދުމަތްތަކަށް ފައިސާ ދައްކާނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކަށް ކަމަށެވެ. އަދި އަމިއްލަ ފަރުދެއްގެ އެކައުންޓަކަށް ފައިސާ ޖަމާ ކުރުމަށް އެ ކޯޕަރޭޝަނުން ނާންގާނެކަމަށް ވަނީ ބުނެފައެވެ.

މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ އަތުލާ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާއިރު، ހައުސިން މިނިސްޓްރީގެ ނަމުގައި މިދިޔަ ހަފުތާގައި ވެސް މީހެއްގެ އަތުން 200،000 ރުފިޔާ ވަނީ އަތުލާފައެވެ. މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަ އިތުރުވެ މިކަމަށް އާންމުން ހޭލުންތެރިކުރުމަށް ކަމާއި ގުޅޭ އިދާރާތަކުން އަބަދުވެސް އަންނަނީ އަރުޝާދު ދީ އާންމުން ހޭލުންތެރިކުރަމުންނެވެ.