އިޒްރޭލުން ގާޒާގެ އެންމެ ފަހު މަންޒިލް ރަފާއަށް އެއްގަމު މަގުން އަރަން ތައްޔާރު ވަމުން ދާ އިރު ގާޒާގެ ތެރޭގައި ހަރަކާތްތެރިވާ އިޒްރޭލު ސިފައިން އިންސާނިއްޔަތާ ހިލާފު ހަނގުރާމައިގެ ޖަރީމާތައް ދަނީ ހިންގަމުންނެވެ.
އެގޮތުން، ނާސިރް ހޮސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ނުވަތަ ހިނގާބިނގާވާ ކޮންމެ މީހެއްގެ ގަޔަށް ބަޑިޖަހާ ދަނީ ޝަހީދު ކޮށްލަމުންނެވެ.
ހަނގުރަމައިގެ ގޭމެއްހެން، އިޒްރޭލުގެ ސްނައިޕަރުން ފިލާ ތިބެ، ހިނގާބިނގާވާ މީހުންގެ ގަޔަށް ބަޑިޖަހަމުން ދާ އިރު ކުޑަކުއްޖެއް ބޮޑު މީހެއް މެޑިކަލް އޮފިސަރެއް، ރެޑްކްރެސެންޓެއް ނުބަލައެވެ. މި ނުބައި ޖަރީމާގައި ފާއިރުވި 24 ގަޑިއިރުގެ ތެރޭގައި 21 މީހަކު ޝަހީދު ކޮށްލާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
ގާޒާއިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވަނީ، އިޒްރޭލު ސިފައިން ތިބީ ހޮސްޕިތަލްގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހަލާކުވެފައި ހުރި އިމާރާތްތަކުގެ ތެރޭގައި ފިލާ ކަމަށާއި، އެހެން ތިބެފައި ހިނގާބިނގާވާ މީހަކު ފެނިއްޖެ ނަމަ ބަޑިޖަހާ ޝަހީދު ކޮށްލަނީ ކަމަށެވެ. މުޅި ސަރަހައްދަށް ބިރުވެރިކަމެއް ފެތުރިފައިވާ އިރު ހޮސްޕިޓަލްގައި ތާށިވެފައި ތިބި މީހުނަށް ބޭރަށް ނިކުންނަށް ނުކެރި އަދި ބޭރުގައި އުޅޭ މީހުނަށް ހޮސްޕިޓަލާ ކައިރިވާން ނުކެރި މަޝްރަހު ވަނީ ނުތަނަވަސް ކަމެއްގައެވެ.
ސްނައިޕަރުން ބަޑިޖަހަމުން ގެންދާ އިރު، މޯބަތީގައި އުދުހެމުން ދާ ޑްރޯންތައް ބޭނުން ކޮށްގެންވެސް އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީންގެ މީހުންނާއި ވެހިކަލްތަކަށް ހަމަލާ ދެމުންނެވެ. އެގޮތުން ނާސިރް ހޮސްޕިޓަލްގެ ފުރާޅު މައްޗަށް އަރާ ތިބި ކުދިބަޔަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައި ވެއެވެ. އަދި ރެޑްކްރެސެންޓުން ދުއްވަމުން ދިޔަ އެމްބިއުލާންސަކަށް މިސައިލުން ހަމަލާ ދީފައި ވާ އިރު އެހެން ހާދިސާއެއްގައި އިޒްރޭލު ސިފައިން ވަނީ ރެޑްކްރެސެންޓުގެ 8 މީހަކު ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި އެމީހުން ދުއްވަމުން ދިޔަ އެމްބިއުލާންސް ތަކުން އެމްބިއުލާންސެއްގައި އޮތް ފުރާނަ ނެތް ކުދަކުއްޖަކާއި ޒަހަމްވެފައި ތިބި 2 މީހަކުވެސް ހިމެނެއެވެ.
އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށްލައި އިންސާނީ ނަސްލު ނައްތާލުމަށް ހިންގާ ޖަޒީމާގެ ފަހު މަންޒިލަކަށް ރަފާ ހަދާފައި ވާ އިރު، އިޒްރޭލު ސިފައިން މިހާރު ތައްޔާރުވަމުން ގެންދަނީ 1.5 މިލިއަން މީހުން ހިމާޔަތް ހޯދައިގެން ތިބި ރަފާއަށް އެއްގަމު މަގުން އަރައިގަތުމަށެވެ.
ދުނިޔޭގެ އެކިއެކި އިދާރާތަކާއި ނުފޫޒުގަދަ ފަރާތްތަކުން އިންޒާރު ކުރަމުން ދާ އިރުވެސް އިޒްރޭލުން އެ އަޑެއް ނާހައެވެ. ރަފާއަށް އެރުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށް ދާއިރު އެތާ ތިބި އާންމުން ފައްސާލަން ބޮޑުވަޒިރު ނަތަންޔާހޫ ވަނީ އޭނާގެ ސިފައިންނަށް އަމުރު ކޮށްފައެވެ.