ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް މިހާތަނަށް ފޯމު ހުށަހެޅީ 18 މީހަކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ މަހުގެ 30 އިން މި އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިއަދު އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އީސީއިން އާންމުކޮށް އިއުލާން ކުރިތާ މިވީ 12 ދުވަސް ކަމަށާއި އިންތިހާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ 4 ދުވަސް ކަމަށެވެ. އަދި އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް، އިންތިހާބަށް ކުރިމަތިލުމަށް އީސީއިން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށާއި ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ ބުދަ ދުވަހުގެ މެންދުރު ފަހު 2 ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9 އިން މެންދުރުފަހު 2 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށާއި މިހާތަނަށް އީސީއަށް ލިބިފައިވަނީ 18 އެޕްލިކޭޝަން ފޯމު ކަމަށެވެ. އަދި އިއްޔެ ލިބުނީ ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި އަމިއްލަ 2 ފަރާތަކުން ހުށަހެޅުއްވި ދެ ފޯމު ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ އެ 3 ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލު ކޮށްފައި ކަމަށާއި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރާ މަދުވެގެން 50 މީހުންގެ ސޮޔާއެކު އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑުގެ ދެ ފުށުގެ ސާފު ކޮޕީ ހުށަހަޅުއްވަންޖެހޭ ކަމަށެވެ. އަދި ދަރަނީގެ ރެކޯޑް އޮތްނަމަ އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހޭނެ ކަމަށާއި އެކައުންޓް ހުޅުވުމުގައި ދިމާވި ދަތިތައް ހައްލުކުރުމަށް އެމްއެމްއޭއިން ބޭންކަށް އަންގާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް އިތުރަށް ވިދާޅުވީ އެންމެ ފަހު ވަގުތުގައި ފޯމުލާން މަޑުކުރާނަމަ ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާހު ކުރަން ޖެހިއްޖެ ހިނދެއްގައި ފޯމު އިސްލާހު ކުރުމުގެ ފުރުސތު ނުލިބިދާނެ ކަމަށެވެ.

ހަބީބް ހިއްސާކުރި ލިސްޓަށް ބަލާއިރު މިހާތަނަށް ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާފައިވަނީ:

  1. ގަމު ދާއިރާ
  2. ނިލަންދޫ ދާއިރާ
  3. ހިތަދޫ އުތުރު ދާއިރާއަށް 3 ފޯމު
  4. މީދޫ ދާއިރާ
  5. ވެލިދޫ ދާއިރާއަށް 2 ފޯމު
  6. މައްޗަންގޯޅި މެދު ދާއިރާ
  7. ކޮލަމާފުށި ދާއިރާ
  8. ބާރަށު ދާއިރާ
  9. ހޮޅުދޫ ދާއިރާ
  10. ކެނދިކުޅުދޫ ދާއިރާ
  11. ދުވާފަރު ދާއިރާ
  12. ހުޅުމާލެ އުތުރު ދާއިރާ
  13. މާފަންނު މެދު ދާއިރާ
  14. ފަރެސްމާތޮޑާ ދާއިރާ
  15. އިހަވަންދޫ ދާއިރާ

ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް މިހާތަނަށް ތިން މީހަކު ހުށަހަޅުއްވާފައިވާއިރު މީދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަން ވަނީ އެނގިފައެވެ. އަދި ވެލިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައިވާ އެއް ބޭފުޅަކީ އެމްޑީއޭގެ ކައުންސިލް މެންބަރު، މުހައްމަދު އައްބާސް ކަންވެސް ވަނީ އެނގިފައެވެ.

އޭގެ އިތުރުން ބާރަށު ދާއިރާއަށް ވާދަކުރުމަށް ފޯމު ހުށަހަޅާފައިވަނީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަސްކަން ފާހަގަ ކުރައްވާ ހަބީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީހަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެގޮތުން އީސީއިން އަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެމަތިން ކަމަށާއި ގާނޫނަށް ގެނެވޭ ބަދަލަކުން އިންތިހާބު ބާއްވާ ތާރީހް ފަސްކުރަން ޖެހިއްޖެނަމަ، އީސީ އޮންނާނީ އެކަމަށް ތައްޔާރުވެގެން ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.