ކާޑުގެ ބާވަތްތަކުގެ ތެރެއިން ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގެއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑުލާއި ފުށަށް ރަޖިސްޓްރީނުވެ ލިބޭނެ ގޮތެއް ހަމަޖައްސަވާނެ ކަމަށް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގަތުމަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގެއަކަށް ސަރުކާރުން 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ހިލޭ ބަހަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، ހަނޑުލާއި ފުށް ބޭނުންވާ މީހުން މި މަހުގެ 25 ގެ ކުރިން ނަން ނޯޓުކުރުމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނެއް ކުރިއެވެ. ނަމަވެސް، އޮންލައިން ފޯމެއް ހިމަނައި ކައުންސިލުން ކުރި އެ އިއުލާނު ވަނީ އެ ދުވަހު ބާތިލުކޮށްފައެވެ.

ރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ:

  • ހަނޑުލާއި ފުށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވާން ޖެހިދާނެތީ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް
  • އެހެންވެ ރަޖިސްޓްރީނުވެ ހަނޑުލާއި ފުށް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް

ޗައިނާ އިން އެނބުރި ވަޑައިގަތުމަށް ފަހު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ، ކާޑުގެ ބާވަތްތައް ގެނައުމަށް އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، އެގޮތުން ތުރުކީ އާ އެކު މިހާރު އެއްބަސްވެ، ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަމާޒަކީ އެ އަދަދު (10 ކިލޯ ފުށް، 10 ކިލޯ ހަނޑޫ) އަންނަ އަހަރު އެއަށް ވުރެ އިތުރުކުރުމެވެ.