އިންޑިއާގެ ވަޔާއި ކަނޑުގެ ސަރަހައްދު ބަލާ ދިމާވެދާނެ ހަމަލާއަކަށް ރައްދު ދޭން، އެެމެރިކާގައި އުފައްދާފައިވާ ޒަމާނީ ޑްރޯން ގަންނަން އެގައުމުން ނިންމައިފިއެވެ.

އެމްކިއު9 – ބީ ސްކައިގާޑިއާ އެއާކްރާފްޓްގެ ނަމުގައި ވިއްކާ މި ޑްރޯން އަކީ މިސައިލާއި ބޮން ހަރުކޮށްފައި ހުންނަ ރިމޯޓުން އޮޕަރޭޓް ކުރެވޭ އެންމެ ޒަމާނީ ޑްރޯންއެވެ.

ހަބަރުތައް ބުނާގޮތުން، އެމެރިކާ އާއި އިންޑިއާ އާ ދެމެދު ހިންގަން ނިންމާފައި ވާ މި މުއާމަލާތުގެ އަގު 3.99 ބިލިއަން އެމެރިކާ ޑޮލަރަށް އަރަށެވެ. އެއީ އެ ބްރޭންޑްގެ 31 ޑްރޯން އަށް އަރާ 1.7 ބިލިއަން ޑޮލަރާއި އޭގައި ހިމަނާ ޓެކްނޮލޮޖީއާއި ހަތިޔާރަށް އަރާ 2.29 ބިލިއަން ޑޮލަރު ލައިގެން ޖުމްލަ 3.99 ބިލިއަން ޑޮލަރެވެ.

މި ތަކެތި އިންޑިއާއަށް ވިއްކުމުގެ ހުއްދައަށް އެދި އެގައުމުގެ ރައީސް ޖޯ ބައިޑަންގެ ފަރާތްޕުޅުން ކަރުދާހެއް ކޮންގްރެސް އަށް ހުށަހަޅާފައި ވާ ކަމަށާއި މިއީ އެމެރިކާގެ އަސްކަރީ ޓެކްނޮލޮޖީ އެކިއެކި ގައުމުތަކަށް ވިއްކުމަށް ހިންގާ މުއާމަލާތުގައި އިންޑިއާ އާއެކު ހިންގާ ބޮޑު ވިޔަފާރިއެއް ކަމަށް ހަބަރުތައް ބުނެއެވެ.

އިންޑިއާ އިން އެގައުމުގެ އަސްކަރީ ގާބިލުކަން އިތުރު ކުރާ އިރު، މިހާރު އެގައުމުން ވަނީ ކުރު ރާސްތާ މިސައިލާއި ދުރުރާސްތާ މިސައިލް އުފެެއްދުމުގެ އިތުރުން، އިންޑިއާގައި ތިބެ ޖެހިގެން އޮންނަ އަވައްތެރި ގައުމުތަކަށް ހަމަލާ ދެވޭ ވަރުގެ އާލާތްތައް އުފައްދާފައެވެ.

އިންޑިއާ އަކީ އަސްކަރީ ގޮތުން ޗައިނާ އާ ވާދަކުރަން މަސައްކަތް ކުރާ ގައުމަކަށް ވާ އިރު އެ ރޮނގުން އެ ގައުމަށް ހަތުރުންގެ ގޮތުގައި ބަލަނީ ޗައިނާ އާއި ޕާކިސްތާނަށެވެ. އިންޑިއާގެ އިތުރުން ޕާކިސްތާނާއި ޗައިނާ އަކީ ވެސް ނިއުކްލިއާ ދެބާރު ކަމަށް ވާއިރު، މި 3 ގައުމަކީ 3 ގައުމު ގުޅޭ ބާޑަރު ސަރަހައްދުގެ މިލްކުވެރިކަމާ މެދު އަރާރުން ވަމުން އަންނަތާ ދިގު ތާރީހެއް އޮތް 3 ގައުމެވެ.

އިންޑިއާ އަށް އަސްކަރީ ޓެކްނޮލޮޖީ އެމެރިކާއިން ވިއްކާ އިރު، އެމެރިކާ އަކީ ޗައިނާގެ އަސްކަރީ ބާރާއި ޓެކްނޮލޮޖީގެ ކުރިއެރުމާ މެދު ކަންބޮޑުވެ ހަސަދަވެރިކަން ގެންގުޅޭ ގައުމެކެވެ. އޭސިއާ ޕެސިފިކާއި، އިންޑޯ ފެސިފިކްގައި ޗައިނާގެ ބާރު ގަދަވާތީ އެމެރިކާއިން ފިޔަވަޅުތައް އަޅަމުން އަންނަ އިރު އެމެރިކާ އަކި ޗައިނާގެ ބާރު ގަދަވާ ހުރިހާ ދިމާލެއްގައި އެމެރިކާ އާއި އެމެރިކާގެ ބައިވެރިންގެ ބާރު ގަދަކުރުމަށް އެހީތެރިކަން ދޭ ދުނިޔޭގެ ސުޕަޕަވަރެވެ.

އިންޑިއާއިން ޑްރޯން ގަންނަން އިއުލާން ކޮށްފައި ވާ އިރު، ރާއްޖެއިން ވެސް މިހާރު ވަނީ ރާއްޖެގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯން ގަތުމަށް ތުރުކީ އާއެކު މަޝްވަރާ ކޮށްފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން މިއީ 576 މިލިއަން ރުފިޔާގެ ޑީލެކެވެ. ނަމަވެސް މިކަމުގައި ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ކޮމެންޓެއް ކޮށްފައި ނުވާތީ މި ޑީލާ ގުޅޭ މައުލޫމާތު 'ދަ ޕްރެސް' އަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.