ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީއިން ބުނީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ ދުވަހު އެ މީހަކު ވޯޓުލުމަށްޓަކައި ރަށްވެހިވެފައިވާ ރަށްނޫން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތު މާދަމާ ހަވީރު 4 ޖެހުމުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގެ ދެވަނަ ބުރު ގައި ރިސޯޓާއި ސިނާއީ މަރުކަޒާއި ރާއްޖެއިން ބޭރުގައި އަދި ޖަލުތަކުގައި ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވާ މީހުން އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލު ކޮށްފައިވާނެ ކަމަށް އީސީއިން ބުނެއެވެ.

އީސީއިން ބުނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެ ކަމަށެވެ. އަދި މާލޭގެ އިންތިހާބީ ދާއިރާތަކަށް ނިސްބަތްވާ މީހުން މާލޭގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ އެމީހަކު ނިސްބަތްވާ ދާއިރާގައި އެމީހަކު ވޯޓުލުމަށް ހާއްސަކޮށްފައިވާ ވޯޓު ފޮއްޓަށް ކަމަށާއި މާލޭގެ އަވަށްތަކަށް ރީ-ރަޖިސްޓަރީކުރުމުގެ ފުރުސަތު މި އިންތިހާބުގައި ހުޅުވާލާފައި ނުވާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

އީސީއިން ބުނީ މަޖިލިސް އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކަށް ރާއްޖޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަމަށް ބޭނުންވާ ތަމްރީން އެ ފަދަ ފަރާތްތަކަށް ދިނުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިޒާމް ކުރަމުންނެވެ. އަދި އެ ތަމްރީނު އަތޮޅުތަކުގައި ދިނުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 26 އިން މާޗް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އީސީއިން ބުނެއެވެ.

އީސީއިން ބުނީ ރީރަޖިސްޓަރީ ކުރަން މިހާތަނަށް 3769 މީހުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާޢި އޭގެތެރެއިން 3302 މީހުން ރީރަޖިސްޓަރީ ކޮށްދީފައިވާ ކަމަށެވެ. އަދި 467 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށް އީސީއިން ބުނެއެވެ.