ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް ރައީސަކު އިއްވެވި އެންމެ ފުރިހަމަ އަދި އެންމެ ތަފްސީލީ ބަޔާން ކަން ފާހަގަކުރައްވާ ރައީސަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ތައުރީފް ބަންޑުން ކޮށްލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވަނީ ދިވެހި ގައުމުގެ ހާލަތާއި، ކުރިމަގުގެ އުންމީދުތަަކާއި ދިވެހި ގައުމު ހިންގުމުގެ އެންމެހާ ކަންކަން ރައީސް ހިއްސާކުރެއްވީ ތަފާސްހިސާބާއި ދިރާސާ އާއި އެކު ތަފްސީލީ ގޮތެއްގައިކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުން މި ޖަލްސާ ބޮއިކޮޓް ކުރަން މަސައްކަތްކޮށްފައިވުމަކީ ރައްޔިތުންނަށް ކުރެވުން ފުރައްސާރައެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. ގާނޫނުއަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން ޖެހެއެވެ.

އަދި ހަމައެހެންމެ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި ކަނޑައަޅާފައި އޮންނަ ނަމަވެސް މިއަހަރު ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފައެވެ.