ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި އިސްލާހު ބަލައިގެންފިއެވެ.
އެ އިސްލާހު ހުށަހަޅާފައިވަނީ އެކަމާ ގޫޅޭ ގޮތުން އެމްޑީޕީ ޕީޖީއާއެކު މަޝްވަރާކުރުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް 39 މެމްބަރުން ވޯޓު ދެއްވިއިރު އިސްލާހު ބަލައިގަތުމާ ދެކޮޅަށް 11 މެމްބަރަކު ވަނީ ވޯޓުދެއްވާފައެވެ.
މި އިސްލާހު މަޖިލީހަށް ބަލައިގަތުމަށްފަހު ވަނީ އިސްލާހު ދިރާސާކުރަން ފަސް މެމްބަރުންގެ ކޮމިޓީ އަކަށް ފޮނުވުމަށް ފާސްކޮށްފައެވެ.
އެ ކޮމިޓީގައި ސަރުކާރަށް ނިސްބަތްވާ އެއްވެސް ޕާޓީއެއްގެ މެންބަރަކު ނުހިމެނޭއިރު އެ ކޮމިޓީގައި ހިމެނެނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަދި ގައްދޫ ދާއިރާގެ މެމްބަރު އަލީ ޒާހިރެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް ވެސް ވަނީ ބުނެފައެވެ.
މި އިސްލާހު ހުށަހަޅާފައި މިވަނީ މިއަންނަ ރޯދަ މަހުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވަނިކޮށެވެ. އެގޮތުން މާޗް މަހުގެ 17 ވަނަ ދުވަހު އެ އިންތިހާބު ބާއްވަން ނިންމާފައިވާއިރު އެއީ ރޯދަ މަހުގެ 6 ވަނަ ދުވަހެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު ރޯދަ މަހު އެ އިންތިހާބު ނުބޭއްވޭނެ ހަމަ އެކަނި ގޮތަކަށް އޮތް ގާނޫނުގައި ބުނާ ތާރީހުތައް ބަދަލުކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މީގެ ކުރިން ވަނީ ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުންނާއެކު މަޝްވަރާކުރައްވާފައެވެ.
އެހެންންނަމަވެސް އެ ތާރީހުތަކަށް ބަދަލު ގެންނަން އޭރު އެއްވެސް މެންބަރަކު ބޭނުމެއް ނުވިއެވެ.