ދިވެހި ދައުލަތުގެ ތިން ބާރު ވަކި ކޮށް ގާއިމު ކޮށްފައި ވާއިރު އެއްބާރުން އަނެއް ބާރަށް، ބާރު ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް އަދި މޮޅެއްވެސް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަށް ފަހު، މަޖިލީހުގެ ރައީސް އަސްލަމް ވަނީ ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް މަޖިލީހުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ޑރ.މުއިއްޒުގެ ކެބިނެޓުގެ 3 ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުންވެސް، އަލުން އެ ވަޒީރުންނާ މަގާމު ހަވާލުކުރުމާ، އަދި މަޖިލީހުގެ ބައެއް ނިންމުންތަކަށް ސަރުކާރުން އަމަލުކޮށްފައިނުވާތީ އެކަމާ ގުޅޭގޮތުން އަސްލަމްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް ދައުލަތުގެ އެހެން ބާރަކުން އިހުތިރާމު ކުރަން ޖެހޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަކީ ދައުލަތެއްގެ ހަމަ ގެއްލިގެން ދާނެ ކަމެއް ކަމަށެވެ.

ދައުލަތުގެ ތިން ބާރު ވަކި ކޮށް ގާއިމު ކޮށްފައި ވާއިރު، ފާރަވެރިވުމާއި ޖަވާބުދާރީ ކުރުވުމަކީ ކުރަން ޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ތެރެއިން ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމު ކުރަން ޖެހޭކަމަށެވެ.

ދިވެހި ދައުލަތުގެ އެއްބާރުން، އަނެއް ބާރަށް، ބާރު ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއްނެތްކަމަށާއި ދައުލަތުގެ އެންމެހާ އިސް ފަރާތްތަކާ، ސިޔާސީ ޕާޓީތަކާ އަދި މަޖިލީހުގެ މެމްބަރުން ވެސް މިކަން ވިސްނާ ވަޑައިގަތުމަށް އަސްލަމް އެދިވަޑައިގަތެވެ.