މާލޭގެ މުހިއްމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، އެތަންތަން ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރުމަށް ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހަވާލުވެއްޖެއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއުކުރި ފަހުމުނާމާގެ ދަށުން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކުރަން ހުރި އާބާތުރަ ފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރުމަށް ސްޓެލްކޯއިން ވަނީ ހަވާލުވެފައެވެ. މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކަ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްއެވެ.

މި ފަހުމުނާމާއަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކުރި ފަހުމުނާމާއެކެވެ. މި ފަހުމުނާމާގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުގެ ފަންނީ އިރުޝާދުގެ ދަށުން، ސްޓެލްކޯ އިން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި، އެތަންތަން ރައްކާތެރިކަމާއެކު ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމަށްޓައި ކުރަންހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރުކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު އެ ތަންތަނުގައި ކުރަން ހުރި ކަރަންޓުގެ އެކި މަސައްކަތްތައް ވެސް މި ފަހުމުނާމާގެ ދަށުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަ ހުސައިން ފަހުމީ ވިދާޅުވީ، މި އާސާރުތައް ރައްކާތެރިކުރުމުގެ މަސައްކަތް މޫސުމާ ގުޅިގެން ލަސްވެގެން ދިޔަ ނަމަވެސް ދެން މި މަސައްކަތަށް އިތުރު ލަސްކަމެއް ނާންނާނެ ކަމަށެވެ. މީ ވަރަށް ބޮޑަށް ޓެކްނިކަލީ ބަލައިގެން ކުރަންޖެހޭ މަސައްކަތަކަށް ވާތީ މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް ބަލަމުން ދާ ކަމަށާއި ވިއްސާރަ މޫސުމަކަށްފަހު ކޮންމެސް ވަގުތުކޮޅެއް ދީގެން ނޫނީ މަސައްކަތް ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ސްޓެލްކޯއަކީ ކުރިންސުރެ ވެސް މި ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކޮށްދެމުންދާ ކުންފުންޏެއް ކަމަށެވެ. މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ހަގީގަތުގައި ތަރިކަ ރައްކާތެރިކުރާ މަރުކަޒަށް މީގެ ކުރިންވެސް ސްޓެލްކޯއަކީ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށާއި ވަރަށް ގިނަ އެހީތެރިކަން ދެމުން ގެންދާ ކުންފުންޏެއް ކަަމަށެވެ. މި ވުޒާރާގެ މަސައްކަތާ ހަވާލުވިފަހުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގައި ވެސް ސްޓެލްކޯގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަނަށް އާދަމް ނަސީރު ފާހަގަކުރެއްވިއެވެ.

ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ފަހުމުނާމާއެއްގެ ދަށުން މާލޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ހިރިގައު ވަޅުތަކާއި، މުންނާރާއި އަދި މާލޭ މެދުޒިޔާރަތް ރައްކާތެރިކޮށް، އާބާތުރަފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައެވެ.