ބިންވެރިޔާ ސްކީމުގެ ދަށުން ދިން ގޯތި ތަކުގެ ރަޖިސްޓްރީއާ ހަވާލުވާން ދޫކުރި ފުރުސަތުގައި ހާޒިރު ނުވެވުން ފަރާތްތަކަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ނިމިދިޔަ 2022 ވަނަ އަހަރު މާލެ ސަރަހައްދުން ދޫކުރި ގޯތި ތަކުގެ ރަޖިސްޓްރީ ހަވާލު ނުވެވުނު ފަރާތްތަކަށް އަލުން އެ ފުރުސަތު ދޭނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް މި މަހު 1 ވަނަ ދުވަހު ފަށާފައި ވާއިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އަދި އޭގެ ތެރެއިން 18،948 ފަރާތަކަށް މިހާރު ވަނީ ގޯތިދީފައެވެ.

ގޯތި ލިބުނު ލިސްޓުގައި ތިބި މީހުންނަށް ގޯތި ލިބޭނެ ކަމާއި ރަޖިސްޓްރީ ދިނުމުގެ އިތުރުން ކުރަން ޖެހޭ މަސައްކަތްތައް އެކުއެކީގައި ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީސްމީޑިއާ މެދުވެރިކޮށް އާންމުންނަށް ރައީސާ ސުވާލުކުރެވޭ ސިލްސިލާއެއް ކަމަށްވާ "ރައީސްގެ ޖަވާބު" ގައި އެ މަނިކުފާނު ވަނީ ނިމިދިޔަ ސަރުކާރުން ބިން ދޫކޮށްފައިވާ ހުރިހާ ރައްޔިތުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކުންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅުންވެސް ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.