މިދިޔަ އަހަރު ބީއެމްއެލް އަށް ސާފް ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން އާންމުކުރި ފަހު ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.
ބީއެމްއެލް އިން ބުނީ، ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ 2022 ވަނަ އަހަރާ ބަލާއިރު 17 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ. ބީއެމްއެލް ހިންގުމުގެ ފައިދާ 2.64 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު މިއީ 2022 ވަނަ އަހަރާ އަޅާބަލާ އިރު 6 ޕަސެންޓްގެ ކުރި އެރުމެއް ވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބޭންކުގެ މާލީ ނަތީޖާ ހަރުދަނާވެފައިވާ އިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 635 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 361 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ ދަށް އަދަދެކެވެ. މި އަހަރު ނިމުމުގެ އެކްރޫއަލްސް އާއި ލޯނު ގެއްލުމުގެ ޕްރޮވިޝަން އިތުރުވުމުގެ ސަބަބުން އަހަރުގެ ފަހު ކުއާޓަރުގައި ހަރަދުތައް ވަނީ ވަރަށް ބޮޑަށް ބޮޑުވެފައި ކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކަށް މި ނަތީޖާ ހާސިލްކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިޔުމާ ގުޅިގެން އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޒަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުން ކަމަށާއި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފާ ކަމަށެވެ. އަދި ނިމިގެންދިޔަ ކުއާޓާގައި ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5 ބިލިއަން ރުފިޔާގެ ލޯނާއި ފައިނޭންސް ދޫކޮށްފައެވެ.
އެގޮތުން ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ފަސް ލައްކަ ރުފިޔާގެ ފަންޑިން ހޯދުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް 2023 އަށް ކާމިޔާބު ކުރި 2 ވިޔަފާރި މިދިޔަ އޮކްޓޯބަރު މަހު އިއުލާނު ކުރިއެވެ. އެއީ 2023 ވަނަ އަހަރު ނިމުނު ފުރަތަމަ ތިން ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެންނެވެ.
ހަމައެއާއެކު ރާއްޖޭގެ ގުދުރަތީ ރީތިކަމުން ހިތްވަރު ލިބި، ރިސައިކަލް މެޓީރިއަލް ބޭނުންކޮށްގެން އުފެއްދި ޑިޒައިންތައް ހިމަނައިގެން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އާ ރޭންޖުގެ ކާޑުތައް ވެސް ވަނީ ތައާރަފް ކޮށްފައެވެ. އާ ޑިޒައިންތައް ތައާރަފްކޮށްފައި ވަނީ ވިސާ އަދި މާސްޓާކާޑަށް ބޭންކުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ރޭންޖަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.