އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އަހުމަދު އަލީ އިސްތިއުފާ ދެއްވައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލައާ ގުޅިގެން ސަސްޕެންޝަނުގައި ހުންނެވި އަލީ އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އަލީ މަގާމުން އިސްތިއުފާ ދެއްވުމަށް ފޮނުވި ސިޓީގައި ވިދާޅުވީ މިހާތަނަށް ޕީއެސްގެ ޒިންމާ އަދާކުރެއްވީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ ގާނޫނާއި ގަވައިދުގެ ބޭރުން އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް، މި ވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ ޕީއެސްގެ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވާތީ ވަކިވެވަޑައިގެންނެވީ ކަމަށް އަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް 2019 ވަނަ އަހަރު އައްޔަން ކުރި އަލީ ސަސްޕެންޑް ކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އޭނާ ސަސްޕެންޑްކުރި ސަބަބެއް ސާފުވެފައެއް ނުވެއެވެ. ޕީއެސްގެ މަގާމުގައި، އަލީ ގެ ފަސް އަހަރުގެ ދައުރު އަންނަ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، މީގެ ކުރިންވެސް ސީއެސްސީން ވަނީ އޭނާ އާ ގުޅޭ މައްސަލައެއް ބަލާފައެވެ.