ރާއްޖޭގައި އަހަރެއްގެ ތެރޭގައި މަރުވާ މީހުންގެ ނިސްބަތުން 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭޣެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން ބުނީ ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ 3 ސަބަބުގެ ތެރޭގައި ކެންސަރު ހިމެނޭ ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށެވެ.

މި އަހަރުގެ މި ދުވަހުގެ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" ކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލިން ރައްކަތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި އަދި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މައުލޫމާތު ފޯރުކޮށް ދިނުމަށް ކަމަށެވެ.

ކެންސަރު ބައްޔަކީ ހަށިގަނޑުގެ ބައެއް ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓި އާދަޔާ ހިލާފަށް ގިނައިން ސެލް އުފެދުމުން ޖެހޭ ބަލިބަލީގެ ތެރެއިން ހިމެނޭ ބައްޔެކެވެ.

ކެންސަރު ބަލީގެ ވަރަށް ގިނަ ވައްތަރުތައް ހުންނައިރު އެ ބައްޔަކީ ހަށިގަނޑުގެ އެކި ތަންތަނުގައި އުފެދިދާނެ ބައްޔެއް ކަމަށާއި ކެންސަރުގެ ޓިއުމަރުތައް އުފެދިފައިވާ ސަރަހައްދުގެ ޓިޝޫތަކާއި ސެލްތައް އެހެން ހިސާބުތަކަށްވެސް ފޯރާ ފެތުރޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ބަލި ދުރާލާ ދެނެގަނެ ފަރުވާ ނުލިބިއްޖެނަމަ ނުވަތަ ފަރުވާއިން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ހަށިގަނޑުގެ އެހެން ބައިތަކަށް ނުވަތަ ގުނަވަންތަކަށް ބަލި ފެތުރިގެންދާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބު ކަމަށާއި ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވާ ކަމަށެވެ. މީގެ ތެރެއިން 40 ޕަސެންޓް މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރު ބަލި ޖެހި މަރުވާ މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކެންސަރު ޖެހުމަށް ގިނައިން މަގުފަހިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ހިރާސްތަކުގެ ސަބަބުން ކަމަށާއި އެހެންކަމުން މިފަދަ އަމަލުތަކުން ދުރުވުމާއެކު ކެންސަރު ބައްޔަށް ސްކްރީންކޮށް ބަލީގެ ކުރީ ކޮޅުގައި ބަލި ދެނަގަނެވުމުން ކެންސަރު ޖެހުމުގެ ނިސްބަތް ތިންބައިކުޅަ އެއްބައި ދަށްކުރެވޭނެ ކަމަށެވެ.

ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއާ ގުޅިފައިވާ ކެންސަރު ބަލި ޖެހުމަށް މަގުފަހިވާ ކަންތައްތައް:

  • ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން
  • ކެއިން ބުއިމުގެ ނުރަނގަޅު އާދަތައް
  • ދުފުން
  • އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން
  • ބަރުފަން ހުންނަންވާ ވަރަށްވުރެ އިތުރުވުން
  • ބަނގުރާ ބުއިން
  • އަތްވަށް (އަލްޓްރާވައިލެޓް ރޭޑިއޭޝަން) ހުށަހެޅުން

ކެންސަރު ބަލީގެ ނުރައްކަލުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ހެޕަޓައިޓިސް ބީއާއި ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ޖެހުން
  • އަވިން (އަލްޓްރާވައިލެޓް ރޭޑިއޭޝަން) ރައްކާތެރިވުން
  • ދަރިފުޅަށް ގާތުން ކިރުދިނުން
  • ރާއްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން
  • ކެއުމުގައި މޭވާއާއި ތަރުކާރީ ވީހާވެސް ގިނައިން ބޭނުންކުރުން
  • ގަވާއިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން
  • ގަވާއިދުން ކެންސަރު ބައްޔަށް ސްކްރީންކުރުން
  • ވައި ތަޣައްޔަރުވުން ކުޑަކުރުމާއި ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވުން

ކެންސަރު ބަލިން ރައްކާތެރިވުމަށާއި މި ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކެންސަރު ބަލީގެ ރެޖިސްޓަރީ ގާއިމުކޮށް "ނޭޝަނަލް ކެންސަރު ރެޖިސްޓްރީ" ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރެޖިސްޓްރީގައި ތިބި ކެންސަރު ބަލި މީހުން މި ރެޖިސްޓްރީއަށް އަޅާ އަދާ ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ އެ މައުލޫމާތު ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ލޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރު އިތުރުުކަން ފާހަގަކުރެވޭ ކަމަށެވެ.